ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން ތުރުކީވިލާތް ފުރަބަންކޮށްފިއެވެ.
ތުރުކީވިލާތުގައި މިހާތަނަށް 4،7 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 39،737 މީހުންވަނީ ބަލީގައި މަރުވެފައެވެ. އެ ޤައުމުގައި ފެތުރެނީ ބަލީގެ ތިންވަނަ ރާޅެކެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 37،674 މީހުންނަށް ބަލިޖެހި 339 މީހުންވަނީ މަރުވެފައެވެ.
ތުރުކީވިލާތުގެ ސަރުކާރުންވަނީ މެއި މަހުގެ 17ވަނަ ދުވަހާ ހަމައަށް އެ ޤައުމު ފުރަބަންދުކޮށްފައެވެ. ފުރަބަންދުގެ މުއްދަތު ފަރުމާކޮށްފައިވަނީ ރަމަޟާން މަހަށްފަހު ފިޠުރު ޢީދު ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރު ނުވާނެފަދަ ގޮތަކަށެވެ.
ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވީ އެ ޤައުމުގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 5،000އަށްވުރެ ދަށްކުރަންޖެހޭކަމަށެވެ. އެ ޤައުމުގެ ފުރަބަންދުގެ މުއްދަތުގައި ބޭނުމެއް ނެތި ބޭރަށް ނުކުމެއުޅުން އާންމުންނަށް މަނާވާނެއެވެ. އަދި ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތައް ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއް ބަންދުކުރަން ޖެހޭނެއެވެ. ތުރުކީވިލާތުގައި އެތެރޭގެ ދަތުރުފަތުރުކުރުންވެސްވަނީ މަނާކޮށްފައެވެ.
ތުރުކީވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައިވަނީ އެ ޤައުމުގެ ކޯވިޑް-19ގެ ވެކްސިން ދިނުމުގެ ދުވެލި މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖަނަވަރީ މަހުގެ މެދުތެރޭގައި ވެކްސިން ދޭން ފަށައި އެ ޤައުމުގެ 13.55 މިލިޔަން މީހުންނަށްވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ. ނަމަވެސް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ވެކްސިން ދެވޭ މިންވަރު ދަށަށްދާނެކަމަށް ތުރުކީވިލާތުން ބުނެއެވެ. އެހެންކަމުން ޗައިނާއިން ގަތުމަށް ހަމަޖެހިފައިވާ ސިނޮވެކް ވެކްސިންގެ 100 މިލިޔަން ޑޯޒު އެ ޤައުމަށް އަވަހަށް ފޯރުކޮށްދިނުމަށް ތުރުކީވިލާތުންވަނީ ޗައިނާއަށް ބާރުއަޅައިފައެވެ. ކުރިއަށް އޮތް މަހުގެ ތެރޭގައި ރަޝިޔާގެ ސްޕަޓުނިކް 5 ވެކްސިން ލިބުމުން ކުރިމަތިވެފައިވާ ދަތިތައް ޙައްލުވާނެކަމަށް ތުރުކީވިލާތުން ބުނެއެވެ.