ކޯވިޑް-19ގެ ސަބަބުން އިންޑިޔާއަށް ކުރިމަތިވެފައިވާ ޙާލަތަކީ އެފުރިކާ ބައްރަށް އޮތް އިންޒާރެއްކަމަށް އެފުރިކަން ޔޫނިޔަން، އޭޔޫއިން ބުނެފިއެވެ.
އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 18.7 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 208،313 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ހަސްފަތާލުތަކުގެ އެނދުތައް ފުރި އޮކްސިޖަނާއި ބޭސްފަދަ ޞިއްޙީ ސާމާނު ލިބުމުގައި އެ ޤައުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
1.35 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ދިރިއުޅޭ މީހުންގެ ޢަދަދާއި އެފުރިކާ ބައްރުގެ އާބާދީއާ ދާދި އެއްވަރުވި ނަމަވެސް އިންޑިޔާގެ ޞިއްޙީ ނިޒާމަށްވުރެ އެފުރިކާގެ ޞިއްޙީ ނިޒާމު ބަލިކައްޓެވެ. އިންޑިޔާއަކީ ބޭހާއި ވެކްސިންފަދަ ސާމާނު ބޮޑެތި ޢަދަދުތަކުން އުފައްދާ ޤައުމެކެވެ. ނަމަވެސް އެފުރިކާގެ ޤައުމުތަކަކީ އެފަދަ ޤާބިލިއްޔަތުކަން ލިބިފައިވާ ޤައުމުތަކެއް ނޫނެވެ. އެފުރިކާގެ ޤައުމުތަކުގައި ބޭނުންވާ މިންވަރަށް ޞިއްޙީ ޚިދުމަތްތެރިން ނެތުމުންނާއި ހަސްފަތާލުތަކުގައި އެކަށީގެންވާ ޢަދަދަކަށް އެނދު ނެތުމާއި އޮކްސިޖަންފަދަ ޞިއްޙީ ފަރުވާއަށް މުހިންމު ވަޞީލަތްތައް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާވަނީ ކުރިމަތިލާން ޖެހިފައެވެ. އިންޑިޔާގައި ބަލި ފެތުރޭގޮތަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެފުރިކާ ބައްރުގައި ކޯވިޑް-19 ފެތުރިއްޖެނަމަ އިންޑިޔާއަށްވުރެ އެފުރިކާގެ ޙާލަތު ގޯސްވާނެކަމަށް އެފުރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލް އެންޑް ޕުރިވެންޝަނުން ބުނެއެވެ.
އެފުރިކާގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުން މާސްކު އެޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް އެފުރިކާގެ ސީޑީސީންވަނީ ގޮވާލައިފައެވެ. އެފުރިކާގައި އޮތީ ބަލިކަށި ޞިއްޙީ ނިޒާމެއްކަން ފާހަގަކުރަމުން އެ އިދާރާއިން ބުނީ އިންޑިޔާ އޮތްފަދަ ޙާލަތަކަށް އެފުރިކާ ވެއްޓުނަ ދީގެން ނުވާނެކަމަށެވެ. އެހެންކަމުން މި ޙާލަތުގައި ސިޔާސީ، ދީނީ އަދި އިޖުތިމާޢީ އެއްވުންތައް ބޭއްވުން މަނާކުރަން ޖެހޭކަމަށްވެސް އެ އިދާރާއިން ބުނެއެވެ.