ޚަބަރު

އިސްލާމިކް ބޭންކުން އިތުރު ތިން ގޮއްޕެއް ހުޅުވަނީ


މޯލްޑިވްސް އިސްލާމިކް ބޭންކުގެ 3 ގޮއްޕެއް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ކުރިން އެ 3 ގޮފި ހުޅުވާނެ ކަމަށް އިސްލާމިކް ބޭންކުން މައުލޫމާތުދެއެވެ. އިސްލާމިކް ބޭންކްގެ މާކެޓިންގެ ހެޑް މުހައްމަދު ޝަފާއު ވިދާޅުވީ އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ގދ ތިނަދޫގައި ބޭންކުގެ ގޮފި ހުޅުވޭނެ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ހދ ކުޅުދުއްފުއްޓާއި، ހުޅުމާލޭގައި ގޮފިތައް ހުޅުވޭނެ ކަމަށެވެ.އިސްލާމިކް ބޭންކުން މިހާރު ޚިދުމަތްދެނީ މާލޭގައި ހުންނަ ބޭންކުގެ މައި އޮފީހުންނާއި، އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ގޮފިންނެވެ. އިސްލާމިކް ބޭންކުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކުގެ ގޮފިތައް ގާއިމް ކުރުން ކަމަށް ޝަފާއު ވިދާޅުވިއެވެ. ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ޚިދުމަތަކީ ގިނަ ބަޔަކު ބަލައިގަންނަ ޚިދުމަތެއް ކަމަށާއި، ބޭންކަކީ ހަގު ބޭންކެެއް ނަމަވެސް ދުވަހުން ދުވަހަށް ބޭންކުގެ ކަސްޓަމަރުންގެ އަދަދު އިތުރުވަމުންދާ ކަމަށް އިސްލާމިކް ބޭންކުން ފާހަގަކުރެއެވެ.