ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމުގެ ޙާލަތުގައި ޤައުމުތަކުން އެ ބަލިން އަރައިގަތުމުގެ އުންމީދުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އެތައް މިލިޔަން މީހުންނަށް ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫޢުތައް އެކި ޤައުމުތަކުންވަނީ ފަށައިފައެވެ. އެއާއެކު ވެކްސިން ދިނުމަށްފަހު އުކާލައި ސިރިންޖުތަކާއި ވެކްސިން ބަންދުކޮށްފައި ހުންނަ ކުދި ފުޅިތައް ނައްތާލުމުގައި އިތުރު ގޮންޖެހުންތަކަކާ ގިނަ ޤައުމުތަކަކުންވަނީ ކުރިމަތިލާންޖެހިފައެވެ.
މިސާލެއްގެ ގޮތުގައި ބަލައިނަމަ 383.2 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމަށް ބޭނުންކުރާ ސިރިންޖުތައް ކޮޅުން ކޮޅަށް އަތުރާލައިފިނަމަ ދުނިޔެ ވަށާ 1.8 ބުރު ޖެހޭހާ ދިގުމިން ހުންނާނެއެވެ. އެއިންވެސް ދޭހަކޮށްދެނީ ވެކްސިން ދިނުމުގައި އުފެދޭ ކުނިބުނީގެ ގިނަކަމެވެ.
ޞިއްހީ ކުނިބުނި ނައްތާލުމުގެ މާހިރުން ބުނީ ބަލިމަޑުކަމުގެ ޙާލަތުގައި އުފެދޭ ޞިއްޙީ ކުނިބުނީގެ ސަބަބުން އެފަދަ ތަކެތި ނައްތާލައި ކުންފުނިތަކަށް އެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ނުކުރެވޭކަމުގެ ބިރު ހީވެފައިވާކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލައި އަޑުއުފުލައި ފަރާތްތަކުން ދަނީ ވެކްސިން ދިނުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމުގައި އުފެދޭ ކުނިބުނި އެދެވޭ ގޮތަކަށް ނައްތާލުމަށް ޙައްލެއް ހޯދަންޖެހޭކަމަށް ބުނަމުންނެވެ. ނޭނގި ތިއްބައި ކުރިމަތިލާންޖެހުނު ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން ކުނި އިތުރުވާ ޙާލަތެއްގައި އެތަކެތި ރައްކާތެރިކަމާއެކު ނައްތާލުމަށް ބޭނުންވާ ވަޞީލަތްތައް ނެތްކަން ދުނިޔެއަށް ހާމަވެގެން ގޮސްފައިވާކަމަށް މާހިރުން ބުނެއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އުފެދޭ ކުނީގެ ޢަދަދުވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ބޭނުންކުރުމަށްފަހު އުކާލައި ސިރިންޖުތަކާއި މާސްކުތަކާއި ކާބޯތަކެކި ބަންދުކުރާ ފޮށީގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ
ފަރަންސޭސިވިލާތުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ކުނި ނައްތާލައި ކުންފުނިން ބުނީ 2019ވަނަ އަހަރަށްވުރެ އެ ކުންފުނިން ނައްތާލި ކުނީގެ ޢަދަދު ތިންގުނަ އިތުރުކަމަށެވެ. އިނގިރޭސިވިލާތާއި އެމެރިކާފަދަ ޤައުމުތަކުގައި ނައްތާލި ކުނީގެ ޢަދަދުވެސް ހީނުކުރާހާ މިންވަރަށް އިތުރުވެފައިވާކަމަށް އެ ޤައުމުތަކުން ބުނެއެވެ.
ބައެއް ޤައުމުތަކުގައި ވިހަ ކުނިބުނި ނައްތާލަނީ ރައްކާތެރި މާޙައުލެއްގައި އެފަދަ ތަކެތި އަންދައިގެންނެވެ. އެހެން ޤައުމުތަކުގައި އެފަދަ ތަކެތިން ޖަރާސީމު ފިލުވައި ޚާއްޞަ ކުނިގޮނޑުތަކަށް ފޮނުވައެވެ.
ޞިއްޙީ ކުނިބުނި ނައްތައިލުމަށް ޕޯޗުގަލުގައި ބޭނުންކުރަނީ އެތަކެތި އެނދުމަށް ޚާއްޞަ އިންސަނަރޭޓަރުތަކެކެވެ. އެ ޤައުމުގެ ވެކްސިން މަޝްރޫޢުން އުފެދިފައިވާ ކުނިބުނި ކާމިޔާބުކަމާއެކު މިހާތަނަށް ނައްތާލެވުނު ނަމަވެސް ކުރިއަށްއޮތް ދުވަސްތަގައި ދަތިތަކަކާ ކުރިމަތިލާންޖެހޭނެކަމަށް ބެލެވެއެވެ. ދުވަސްވާ ވަރަކަށް ވެކްސިން ޖަހާ މީހުންގެ ޢަދަދުވެސް ދާނީ އިތުރުވަމުންކަމަށް މާހިރުން ފާހަގަކުރެއެވެ. އެހެންކަމުން ކުނި ނައްތާލުމުގައި ކުރާ މަސައްކަތްތައް އަދިވެސް އިތުރުކުރަންޖެހޭކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ފަޤީރު ޤައުމުތަކުގައި ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރިއަރާފައިވާ ޤައުމުތަކާ އެއްވަރަކަށް ނުކުރެވެއެވެ. އެކަމަށް ކަނޑައަޅާފައިވާ ސިޔާސަތުތައްވެސް ކުރިއަރާފައިވާ ޤައުމުތަކުގެ ސިޔާސަތުތަކަށްވުރެ ހަރުދަނާއެއް ނޫނެވެ. އެފަދަ ޤައުމުތަކުގައި ޞިއްޙީ ކުނިބުނި އާންމުކޮށް އުކާލަނީ ހިޔާނުކޮށް ހުންނަ ކުނިގޮނޑުތަކަށެވެ. އެތަކެތި އަންދަނީ ވަކި އުޞޫލެއްގެ ދަށުންނެއްވެސް ނޫނެވެ. އިންޑިޔާފަދަ ބައެއް ޤައުމުތަކުގައި ބޭނުންކޮށްފައިވާ ސިރިންޖުތައް ކުނިގޮނޑުތަކުން ހޮވައި އެތަކެތި ކަޅު ބާޒާރުގައި ވިއްކައެވެ. އެފަދަ ކަންކަމުގެ ސަބަބުން އާންމު ޞިއްހަތަށާއި ތިމާވެއްޓަށް އޮންނަ ނުރައްކާތައް އިތުރުވެއެވެ.
މިދިޔަ މަހުގެ ތެރޭގައި ޝާޢިރުކުރި ތިމާވެއްޓާބެހޭ ކަރުދާހެއްގައި ބުނީ ވެކްސިން ދިނުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދަންޖެހޭކަމަށެވެ. ވެކްސިން ރައްކާކުރާ ފުޅިއާއި ސިރިންޖުފަދަ ތަކެތި އުފެއްދުމުގައި ދެވަނަ ފަހަރަށް ބޭނުންކުރެވޭފަދަ ތަކެތި ބޭނުންކުރުމުގެ މުހިންމުކަން އެ ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.