ޚަބަރު

ބައިޑެންގެ ވެރިކަމަށް 100 ދުވަސް، 200 މިލިޔަން މީހުންނަށް ވެކްސިން ދީފި


އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި 200 މިލިޔަން މީހުންނަށް ވެކްސިން ދެވިފައިވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ކޯވިޑް-19 ބަލިމަޑުކަމުގައި އެ ޤައުމުގެ ގިނަ ޢަދަދެއްގެ މީހުން މަރުވެ އިޤްތިޞާދު ހީނަރުވުމަށްފަހު އަނެއްކާވެސް ޤައުމަށް ކުރިއެރުންތަކެއް ލިބެމުންދާކަމަށެވެ. ބައިޑަން ވިދާޅުވީ 100 ދުވަހުގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިންގެ 100 މިލިޔަން ޑޯޒު ދެއްވާނެކަމަށް ވަޢުދުވި ނަމަވެސް އެ ޢަދަދު ފަހަނައަޅައި ވެކްސިންގެ 200 މިލިޔަން ޑޯޒު އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ދީފައިވާނެކަމަށެވެ. 40،000އަށްވުރެ ގިނަ ބޭސްފިހާރައާއި 700އަށްވުރެ ގިނަ އިޖުތިމާޢީ އަދި ޞިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 1.3 މިލިޔަނަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހަމަޖެހިފައިވާކަމަށާއި އެއީ އެމެރިކާގެ އެއްވެސް ރައީސަކަށް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙާޞިލުކުރެވުނު ކަމެއް ނޫންކަމަށް ބައިޑަން ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ސަރުކާރުން ތަޢާރަފުކުރި 1.9 ޓުރިލިޔަން އެމެރިކާ ޑޮލަރުގެ ބިޔަ ސްޓިމިޔުލަސް ޕެކޭޖުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް މި އަހަރުގެ ތެރޭގައި 6 އިންސައްތައަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ބައިޑަން ވިދާޅުވިއެވެ. އޭގެ އިތުރުން ބައިޑަން ހުށަހަޅުއްވާފައިވާ 1.8 ޓުރިލިޔަން އެމެރިކާ ޑޮލަރުގެ ޓެކުސް ޕުލޭނަށް އިދިކޮޅު ރިޕަބުލިކަން ޕާޓީން ތާއީދުކުރުމަށްވެސް އޭނާ ގޮވައިލެއްވިއެވެ. އަދި އެމެރިކާގެ އެންމެ މުއްސަނދި އެކެއް އިންސައްތަ މީހުން ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ޢަދާކުރަންޖެހޭ މަސްޢޫލިއްޔަތު ޢަދާކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ބައިޑަންގެ ވާހަކަފުޅުގައި އެމެރިކާއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށްވެސްވަނީ އަލިއަޅުއްވާލައްވައިފައެވެ. ބައިޑަން ވިދާޅުވީ ޗައިނާއާއެކު އެމެރިކާއިން ބޭނުންވަނީ ނުތަނަވަސްކަމަށްވުރެ ވާދަވެރިކަންކަމަށެވެ. އޭގެ އިތުރުން އިންޑޯ ޕެސިފިކު ސަރަޙައްދުގައި އެމެރިކާއިން އަސްކަރީގޮތުން ޙަރަކާތްތެރިވަމުންދާނެކަމާއި އޭގެ ބޭނުމަކީ ހަމަނުޖެހުން އުފެދުނަނުދިނުންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތަކާއި މިނިވަންކަމަށް ވަކާލާތުކުރުމުގައި އެމެރިކާއިން ދެމިތިބޭނެކަމަށްވެސް ބައިޑަން ވިދާޅުވިއެވެ. އޭގެ އިތުރުން ބައިޑަން ވިދާޅުވީ ރަޝިޔާއާއި އެ ޤައުމުގެ ރައީސް ވުލަޑުމީރު ޕުޓިންއާއެކު އޮންނަ ނުތަނަވަސް ގުޅުން އިތުރަށް ގޯސްވިޔަދޭން ބޭނުންނުވާކަމަށެވެ. ނަމަވެސް ރަޝިޔާގެ ޢަމަލުތަކަށް އެ ޤައުމު ޒިންމާދާރުކުރުވާނެކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ އާންމުން ހަނގުރާމަމަތީ ހަތިޔާރު ގެންގުޅޭ މައްސަލައާ ގުޅޭގޮތުން ބައިޑަން ވިދާޅުވީ އެ މައްސަލައަށް ޤާނޫނެއް މެދުވެރިކޮށް ޙައްލެއް ހޯދުމުގައި ރިޕަބުލިކަން ޕާޓީގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްތަކެއް ކުރައްވައިނޭކަމަށާއި މިއީ ޤާނޫނުހަދާ މަޖިލީހުން އެ މައްސަލައާމެދު ފިޔަވަޅު އަޅަންވީ ވަގުތުކަމަށްވެސް އޭނާ ވިދާޅުވިއެވެ.