ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މައްސަލައެއް ތަހުޤީޤުކުރަނީ


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ދިރިއުޅުއްވާ ގެކޮޅު މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ފައިސާ ޚަރަދުކުރުމުގައި ގޯސްތަކެއް ހިންގާފައިވުން އެކަށީގެންވާކަމަށް ބުނެ އެ ޤައުމުގެ އިލެކްޓޯރަލް ކޮމިޝަނުން ތަހުޤީޤެއް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ޓެކުސް ފައިސާއިން އަހަރަކު 30،000 ޕައުންޑު ޚަރަދުކުރެވޭނެއެވެ. ނަމަވެސް ޚަރަދު އެއަށްވުރެ އިތުރުވާނަމަ އެ ފައިސާ ޚަރަދުކުރަންޖެހޭނީ އަމިއްލަފުޅަށެވެ. ޑައުނިން ސްޓްރީޓުގައި ހުންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު މަރާމާތުކޮށް ޒީނަތްތެރިކުރުމަށް އޭނާ 200،000 ޕައުންޑު ޚަރަރުކޮށްފައިވާކަމަށްވަނީ އަޑުފެތުރިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދިރިއުޅުއްވާ ގެކޮޅު މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ޖޮންސަންގެ ޕާޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުން ސިއްރިއްޔާތުގައި ޚަރަދުކުރުމުގެ ފުރުޞަތު އޭނާ ދެއްވާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެއީ ޤާނޫނާ ޚިލާފުކަމެއްކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އެ ތުހުމަތުތަކާ ގުޅޭގޮތުން ޤާނޫނުހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖޮންސަން ވިދާޅުވީ ގެކޮޅު މަރާމާތުކުރުމުގެ ހުރިހާ ޚަރަދެއް ކުރެއްވީ އޭނާ އަމިއްލައަށްކަމަށެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވީ ޕާޓީއަށް އެހީފޯރުކޮށްދޭ ފަރާތްތަކުން ހަދިޔާ ކުރި ފައިސާ ބޭނުންކުރުމުގެ ތުހުމަތުތައް ފެންމަތިވުމުގެ ކުރިންކަމެއް ނުވަތަ ފަހުންކަމެއް އޭނާ ސާފުކޮށްދެއްވައިފައެއް ނުވެއެވެ.

އިލެކްޓޯރަލް ކޮމިޝަނުން ބުނީ ގެކޮޅަށް ޚަރަދުކުރުމުގައި ގޯސްތަކެއް ހުރިކަމަށް ބާރުދޭ ކަންތައްތަކެއް ފާހަގަވެފައިވާކަމަށެވެ. އަދި ރަސްމީ ތަހުޤީޤެއްގެ ގޮތުގައި އެކަން ބަލާނެކަމަށެވެ. އެ މައްސަލައިގައި ގޯހެއް ހިންގާފައިވާކަން ޔަޤީންވެއްޖެނަމަ 20،000 ޕައުޑުން ޖޮންސަން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.