ޚަބަރު

އިހްޔާގެ މިރޭގެ ފޯރަމް "ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި ހަރުދަނާ ޖީލެއް ބިނާކުރުން"


ރަމަޟާންމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ފޯރަމްގެ ފަސްވަނަ ފޯރަމް މިރޭ އޮންނާނެއެވެ.

މިފޯރަމްގެ މިރޭގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޒަމާނީ ވަސީލަތްތަކުގެ ތެރޭގައި ހަރުދަނާ ޖީލެއް ބިނާކުރުން"އެވެ. މި މައުޟޫއަށް ވާހަކަދެއްކުމަށް ބައިވެރިވެވަޑައިގަންނަވާނީ އައްޝައިޚް ޢަބްދުﷲ ރަޝީދު އާއި އައްޝައިޚް މުހައްމަދު އަނީލް އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ ހޯލުގައި މިރޭ 21:30 ގައި ފަށާ މި ފޯރަމް ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިފޯރަމަށް އާއްމުންނަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެޗްޕީއޭގެ އުޞޫލްތަކާ އެއްގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިޙްޔާ ފޯރަމަކީ ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބައްވަމުން އަންނަ ފޯރަމެކެއެވެ. ކޮންމެ ހޯމަ ވިލޭރެއާއި ހުކުރު ވިލޭރޭގަ ބާއްވާ އިޙްޔާ ފޯރަމްގައި މަޝްވަރާކުރަން ކަނޑައަޅާފައިވާ މައުޟޫޢުތަކަކީ، ދިވެހި މުޖުތަމަޢުގެ ޙާލަތަށް ރިއާޔަތްކުރުމަށްފަހު އެކަށައަޅާ މައުޟޫތަކެކެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިޙްޔާ ފޯރަމްތައް އަޑުއަހަންދާ ޢާއްމުންގެ ތެރޭގައި ގިނަޢަދަދެއްގެ ސްކޫލްކުދިންނާއި އެކި ޢުމުރުފުރާގެ މީހުން ހިމެނެއެވެ.