ޚަބަރު

އައި.ޔޫ.އެމްގެ ރިސާޗް ގްރާންޓް ހަވާލުކޮށްފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ރިސާޗް ގްރާންޓް ލިބޭ ފަރާތްތަކާއި ރިސާޗް ގްރާންޓް ހަވާލުކޮށްފިއެވެ.
އިސްލާމީ ޔުނިވަރސިޓީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރިސާޗް ގްރާންޓް، ހަވާލުކޮށްދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

އައި.ޔޫ.އެމްގެ ގްރާންޓް އެންޑް ފަންޑިންގ ސްކީމުގައި މައިގަނޑު ދެ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއަހަރު ހުޅުވާލިއެވެ. އެއީ، އައި.ޔޫ.އެމް ރިސާޗް ޕްރޮމޯޝަން ސްކީމް އާއި އައި.ޔޫ.އެމް އިނޮވޭޝަން ޕްރޮޖެކްޓް ސްކީމެވެ.

އެކިފަރާތްތަކުން ގްރާންޓް ސްކީމަށް ކުރިމަތިލާފައިވާއިރު ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ރިސާޗް ޕްރޮޕޯސަލްތައް ވަކިވަކިން ރިވިއުކުރުމަށްފަހު ޔުނިވަރސިޓީގެ ސްކޮލަރޝިޕް އެންޑް ގްރާންޓް ކޮމިޓީއިންވެސް ޕްރޮޕޯސަލްތައް ރިވިއުކޮށް، މަޝްވަރާކޮށްފައިވާ ކަމަށް އައިޔޫއެމްއިން މަޢުލޫމާތުދެއެވެ. އެގޮތުން ހުށަހެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އިނޮވޭޝަން ޕްރޮޖެކްޓް ސްކީމުގެ ދަށުން އެއް ގުރޫޕަށް ރިސާޗް ގްރާންޓް ހަވާލުކުރިއިރު، އައި.ޔޫ.އެމް ރިސާޗް ޕްރޮމޯޝަން ސްކީމުގެ ދަށުން 2 ގުރޫޕަށް ރިސާޗް ގްރާންޓް ދީފައިވެއެވެ.

އިސްލާމިކް ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ރިސާޗް ޕްރޮމޯޝަން ސްކީމަކީ އެކިދާއިރާތައް ހިމެނޭގޮތަށް މުޖުތަމައަށް ފައިދާކުރާނެ ބޭނުންތެރި ދިރާސާތަކެއް ހެދުމުގެ ބޭނުމުގައި މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިޔަށްދާ ރިސާޗް ސްކީމެއް ކަމަށް ޔުނިވަރސިޓީން ވިދާޅުވެއެވެ. މި ސްކީމުގެ މައިގަނޑު މަޤްޞަދަކީ އައު ޚިޔާލުތަކާއި، ޢިލްމީ އުފެއްދުންތައް މުޖުތަމައަށް ނެރުމަށް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ބާރުއެޅުމެވެ.