ކުޅިވަރު

މެޑްރިޑް އޯޕަންގައި ޖޯކޮވިޗް ވާދަ ނުކުރަން ނިންމައިފި



މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ބައިވެރި ނުވާކަން ހަމަކޮށްފިއެވެ. ޖޯކޮވިޗް ވަނީ މި މުބާރާތުގައި މިފަހަރު ބައިވެރި ނުވެވޭތީ އެކަމަށް މައާފަށްވެސް އެދިފައެވެ.

މެޑްރިޑް އޯޕަން ޓެނިސް މުބާރާތް މިފަހަރު މިބާއްވަނީ އެއްއަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިދިޔައަހަރުގެ މުބާރާތްވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން ކެންސަލް ކޮށްފައެވެ. ޖޯކޮވިޗްވަނީ 2019 ވަނައަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފައެވެ. އެހެން ކަމުން ތަށި ދިފާއު ކުރުމަށް މިއަހަރު މެޑްރިޑް މުބާރާތުގައި ޖޯކޮވިޗް ވާދަކުރާނެ ކަމަށް ކުރިން އޮތީ ބެލެވިފައެވެ. މެޑްރިޑް އޯޕަންގެ ބަދަލުގައި ފްރެންޗް އޯޕަންއަށް ތައްޔާރު ވުމުގެ ގޮތުން ޖޯކޮވިޗް ވާދަކުރުމަށް މިހާރު ހަމަޖެހިފައިވަނީ ރޯމް އަދި ބެލްގްރޭޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެ މުބާރާތުގައެވެ.

މިފަހަރުގެ ކްލޭ ކޯޓް ސީޒަންގައި ޖޯކޮވިޗަށް އަދި މާ ރަނގަޅަށް ކުޅެވެމުން ގޮސްފައެއް ނުވެއެވެ. މިގޮތުން ސަރބިއާ އޯޕަންގެ ސެމީ ފައިނަލްގައި ރަޝިޔާގެ އަސްލާން ކަރަޓްސޭވް އަތުން ބަލިވެފައިވާއިރު މޮންޓެ ކާލޯ މުބާރާތުގައި ވަނީ އިނގިރޭސިވިލާތުގެ ޑެން އިވާންސް އަތުން ބަލިވެފައެވެ. ޖޯކޮވިޗް ވަނީ މިއަހަރުގެ ފެބްރުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް 18 ވަނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ.