މުނިފޫހިފިލުވުން

މިފަހަރު އަޖޭ، އޮކްސިޖަނާއި އެކު 20 އެނދުގެ ފެސިލިޓީއެއް


އިންޑިއާގެ ކޯވިޑްގެ ބަލިމީހުންނަށް މިފަހަރު އެހީތެރިވެދިނީ އަޖޭ ދޭވްގަންއެވެ. މައިދާންގެ ތަރި އަޖޭއާއި އެކުވެރިން ވެގެން ވަނީ މުމްބާއީގެ ޝިވާޖީ ޕާކް ހިންދުޖާ ހޮސްޕިޓަލް އިމަރޖެންސީ ފެސިލިޓީއަކަށް ބަދަލުކޮށްދީފައެވެ.

މުމްބާއީ މުނިސިޕަލްޓީ ކޯޕަރޭޝަން (ބީއެމްސީ) އިން ވަނީ ވެންޓިލޭޓަރާއި އޮކްސިޖަން ސަޕޯޓާއެކު ޝިވާޖީ ޕާކް 20 އެނދުގެ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ. އާނަންދު ޕަންޑިތް، ބޯނޭ ކަޕޫރު، ލަވް ރަންޖަން، ސަމީރު ނެއިރު އަދި މިނޫންސްވެސް ބޮލީވުޑްގެ ގިނަ ބަޔަކުވަނީ މި ޓީމާއި ގުޅި 1 ކްރޯޑް ރުޕީސްއަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައެވެ. އަޖޭ މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އޭނާގެ ސޯޝަލް ސާރވިސް ވިންގް ކަމަށްވާ އެންވައި ފައުންޑޭޝަން މެދުވެރިކޮށެވެ.

އަޖޭވަނީ މީގެ ކުރިންވެސް ކޯވިޑްގެ ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން މިދިޔައަހަރު ބީއެމްސީން ހުޅުވި 200 އެނދުގެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރާއި ވެންޓިލޭޓަރުތައް ގަތުމަށް ފައިސާ ޚަރަދުކޮށްފައިވަނީ އަޖޭއެވެ. މީގެ އިތުރުން 700 އާއިލާއަށް ބޭނުންވާ ކާބޯތަކެތީގެ ޕެކްތަކެއްވެސް އަޖޭވަނީ މީގެކުރިން ހަދިޔާކޮށްފައެވެ.

އިންޑިއާއަށް ދިމާވެފައިވާ ކޯވިޑްގެ ހަލާތާއި ގުޅިގެން ބައެއް މަޝްހޫރު ފިލްމީ ތަރިން އަންނަނީ އެކިވަރުގެ އެހީތެރުކަން ފޯރުކޮށްދެމުންނެވެ. މި ލިސްޓުގެ އެންމެ ކުރީގައި ނަން ގުނާލެވޭ ތަރިންގެ ތެރޭގައި އަކްޝޭ ކުމާރާއި ސޯނޫ ހިމެނެއެވެ.

ބޮލީވުޑްގެ އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު އަޖޭ އަކީ މިހާރު ފިލްމު ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްވެސްމެއެވެ. ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ތަރިއަކީ އަޖޭ ކަމުގައި ގިނަބަޔަކު އެއްބަސްވެއެވެ. 1991 ވަނަ އަހަރު އެންމެ ފުރަތަމަ އަޖޭ ފެނިގެންދިޔަ ފިލްމު 'ޕޫލް އޯރް ކާންޓޭ' އިން ފެށިގެން މިއަދާހަމައަށްވެސް އަޖޭ އަންނަނީ ފިލްމުތަކުގައި މަސައްކަތްކުރަމުންނެވެ.