ޚަބަރު

އަސްކަރީ ގުޅުންބަދަހިކުރަން ޗައިނާގެ ދިފާޢީ ވަޒީރު ބަންގްލަދޭޝާއި ސްރީ ލަންކާއަށް


ދެކުނު އޭޝިޔާގައި ނުހިމެނޭ ޤައުމުތަކުން އެ ސަރަޙައްދުގައި އަސްކަރީ ގުޅުންތައް ޤާއިމުކުރުމުގެ ފުރުޞަތު ނުދިނުމަށް ޗައިނާގެ ދިފާޢީ ވަޒީރު ވެއި ފެންގްހެއި ގޮވާލައްވައިފިއެވެ.

ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ދިފާޢީ ވަޒީރު ބަންގްލަދޭޝަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ޢަބްދުލް ޙާމިދުއާ ބައްދަލުކުރައްވައި ވިދާޅުވީ ޗައިނާއާއި ބަންގްލަދޭޝުގެ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އަސްކަރީ ކަންކަމުގައި ދެ ޤައުމުން އެއްބާރުލުން ދިނުމަށް ބޭނުންވާކަމަށެވެ. ސަރަޙައްދީ ހަމަޖެހުމާއި ޞުލްޙަ ޔަޤީންކުރުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތްކޮށްގެން އެހެން ޤައުމުތަކުން ޤައުމުތަކުން ދެކުނު އެޝިޔާގެ މައްޗަށް ގަދަވިޔަ ނުދޭނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީގެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވާ ޖެނެރަލް ވެއި ސްރީ ލަންކާއަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކުސައާވަނީ ބައްދަލުކުރައްވައިފައެވެ. ދެބޭފުޅުންގެ ދެމެދުގައި މުހިންމު ވާހަކަތަކެއް ދެކެވުނުކަމަށް ސްރީ ލަންކާގެ ރިޔާސީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ސްރީ ލަންކާއަށް ދަތުރު ކުރެއްވުމުން ޗައިނާއާއި ސްރީލަންކާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެފައިވާކަމަށް ވެއި ފާހަގަކުރެއްވިކަމަށް ސްރީ ލަންކާއިން ބުނެއެވެ.

ޗައިނާއިންވަނީ ދެކުނު އޭޝިޔާގެ ފަސް ޤައުމެއްކަމަށްވާ އަފްޣާނިސްތާނާއި ބަންގްލަދޭޝާއި ނޭޕާލާއި ޕާކިސްތާނާއި ސްރީ ލަންކާގެ ޚާރިޖީ ވަޒީރުންނާއެކު ކޯވިޑް-19އާއި އިޤްތިޞާދީ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ފަށައިފައެވެ. ކޯވިޑް-19ގެ ސަބަބުން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ޗައިނާއިންވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ޢަދަދެއް ލޯނާއި އެހެނިހެން އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ. އޭގެ ކުރިންވެސް ސްރީ ލަންކާއިންވަނީ 5 ބިލިއަނަށްވުރެ ބޮޑު ޢަދަދަކުން ޗައިނާއަށް ދަރަނިވެރިވެފައެވެ.