ކުޅިވަރު

ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގް އެއްވަރު


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި ފުރަތަމަ ލެގް އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗްގެ ކުރީކޮޅުގައި ޗެލްސީއިންވަނީ ރެއާލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައެވެ. އަދި މިގޮތުން މެޗްގެ 14 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ޗެލްސީއިންވަނީ މިމެޗްގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. ނަމަވެސް ރެއާލްއިން ވަނީ މެޗްގެ 29 ވަނަ މިނެޓްގައި ކަރީމް ބެންޒީމާ ޖަހައިދިން ލަނޑުން މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމުންވެސް ވަނީ މިމެޗްގައި އުފައްދާފައެވެ.

މިމެޗް އެއްވަރު ވުމުން މިއަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގަށް ނިކުންނައިރު މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑީ ޗެލްސީއަށް ކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެއެވެ. އެއީ ރޭގެ މެޗްގައި ރަށުން ބޭރުގައި ޖެހި ލަނޑުގެ އިތުރުން ދެވަނަ ލެގް ކުޅެވޭނީ ޗެލްސީގެ ދަނޑުގައި ކަމަށް ވާތީއެވެ. ނަމަވެސް ދެވަނަ ލެގްގައި ޗެލްސީއަށް އެޑްވާންޓޭޖް އޮތް ނަމަވެސް ރެއާލްއަކީ އެހާފަސޭހައިން ބަލިކުރެވޭ ވަރަށް ވުރެ ޗެމްޕިއަންސް ލީގުގެ ތަޖްރިބާ ހުރި ޓީމެކެވެ. އެހެން ކަމުން ދެވަނަ ލެގަކީވެސް ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ މެޗަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.