ކުޅިވަރު

ސިޓީ ދެކޮޅަށް ނިކުންނަ މެޗަކީ ގާޑިއޯލާއާއެކު އޮތް ކުރިމަތިލުމެއް ނޫން: ޕޮޗެޓީނޯ



ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި މިރޭ ޕެރިސް ސެއިންޓް ޖަރމެއިން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗަކީ ޕެޕް ގާޑިއޯލާ އާއި އޭނާއާއި ދެމެދުގެ ކުރިމަތިލުމެއް ކަމުގައި ނުދެކޭ ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ހާމަކޮށްފިއެވެ. ޕޮޗެޓީނޯ މިކަން ހާމަކޮށްފައިވަނީ މިރޭގެ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުންނެވެ.

ޕޮޗެޓީނޯވަނީ 2019 ވަނަ އަހަރު ޕެޕްގެ ކޯޗު ކަމުގެ ދަށުން ނިކުން ސިޓީގެ ޓީމް ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގައި ބަލިކޮށްފައެވެ. އަދި މިދެ ކޯޗުންގެ ދެމެދުގައި ގިނަ ކުރިމަތި ލުންތަކެއް ވަނީ ސްޕެނިޝް ލަލީގާ އާއި އިންގްލިޝް ޕްރިމިއަރ ލީގުގައިވެސް ހިނގާފައެވެ. ޕޮޗެޓީނޯ ބުނީ މިއީ ދެ ކޯޗުންގެ ކުރިމަތިލުމަކަށް ވުރެ ބޮޑަށް ޔޫރަޕްގެ ވަރުގަދަ ދެޓީމެއްގެ ކުރިމަތިލުމަކަށެވެ. އަދި ގާޑިއޯލާއަކީ އަކީ އޭނާ ވަރަށް ބަލައިގަންނަ އަދި އިހްތިރާމް ކުރާ ކޯޗެއް ކަމަށެވެ. އަދި ގާޑިއޯލާއަކީ ދުނިޔޭގައި މިހާރު ހުރި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އެއް ކޯޗް ކަމަށާއި އެއީ އެންމެ މޮޅު ކޯޗް ކަމުގައިވެސް ބުނެވިދާނެކަމަށް ޕޮޗެޓީނޯ ބުންޏެވެ.

މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ޕީއެސްޖީ އާއި މިރޭ ބައްދަލު ކުރާ މެޗަކީ ޔޫރަޕްގެ ބޮޑެތި ޓީމުތަކާ އެއް ފެންވަރެއްގައި ސިޓީ އޮތްކަން ސާބިތު ކޮށްދޭން ލިބޭނެ ރަނގަޅު ފުރުސަތެއްކަމަށެވެ. ގާޑިއޯލާ ޤަބޫލް ކުރާގޮތުގައި ސިޓީ އަކީ އަދި ޔޫރަޕްގެ އެލީޓް ޓީމްތަކުގެ ތެރެގައި ހިމެނޭ ޓީމެއް ނޫނެވެ. ނަމަވެސް އެލިސްޓަށް ސިޓީ އަރުވަން ބޭނުންވާކަމުގައި ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗަށް ކުރިމަތި ލާއިރު ސިޓީއަށް އަނިޔާގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. އެހެން ކަމުން މިރޭގެ މެޗަށް ގާޑިއޯލާ ބޭނުން ޓީމެއް ނެގުމުގައި އެއްވެސް ދައްޗެއް ނެތެވެ. ޕީ.އެސް.ޖީ. އަށް ބަލާލާއިރު އަނިޔާގައި ހުރި ކީލިއަން އެމްބާޕޭ މިރޭގެ މެޗަށް ފިޓްވާނެ ކަމަށް ބެލެވެއެވެ. މިރޭގެ މެޗް ކުޅޭނީ ޕީ.އެސް.ޖީ. ގެ ދަނޑުގައެވެ. އަދި މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު ބާރަޖަހާއިރުއެވެ.