ޚަބަރު

ކަޒަކިސްތާނުން ކޯވިޑް-19އަށް ވެކްސިނެއް އުފައްދައިފި


ކަޒަކިސްތާނުން ކޯވިޑް-19އަށް ވެކްސިނެއް އުފައްދައި އެ ޤައުމުގެ ރައްޔިތުންނަށް ދޭން ފަށައިފިއެވެ.

ކަޒަކިސްތާނުގައި މިހާތަނަށް 309،116 މީހުންނަށް ކޯވިޑް-19 ޖެހި 3،570 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. 19 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ކަޒަކިސްތާނުގެ އެއް މިލިއަނެއްހާ މީހުންނަށް ރަޝިޔާގެ ސްޕަޓުނިކު ފަހެއް ވެކްސިންވަނީ ދީފައެވެ. އޭގެ އިތުރުން ޗައިނާއިން އުފައްދާ ސިނޯފާމު ވެކްސިންގެ އެއް މިލިއަން ޑޯޒު ގަތުމަށްވެސް އެ ޤައުމުންވަނީ ނިންމައިފައެވެ.

ކަޒަކިސްތާނުން އަމިއްލައަށް އުފެއްދި ކެޒުވެކް ވެކްސިން ޢާންމުންނަށް ދޭން ފެށީ މި ހަފުތާގެ ތެރޭގައެވެ. އެ ވެކްސިން އެންމެ ފުރަތަމަ ޖެއްސެވި ބޭފުޅުންގެ ތެރޭގައި އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު އެކެލްސީ ސޯއީ ހިމެނިވަޑައިގަންނަވައެވެ. ކެޒްވެކަކީ ދެ ޑޯޒް ހިމެނޭ ވެކްސިނެކެވެ. ވެކްސިންގެ ދެ ޑޯޒު ދިނުމުގެ ދެމެދުގައި ތިން ހަފުތާގެ ދުރުމިނެއް ބަހައްޓަންޖެހެއެވެ.

ޖުލައި މަހުގެ ތެރޭގައި އެ ވެކްސިންގެ ތިންވަނަ މަރުޚަލާގެ ތަހުލީލުތައް ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ. ވެކްސިންގެ ތަހުލީލުތަކުގެ ފުރަތަމަ ދެ މަރުޚަލާގައި ބައިވެރިވި 222 މީހުންނަށްވެސް ބަލިން ރައްކާތެރިކަން ލިބުނުކަމަށާއި ވެކްސިންގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ނުކުރާކަމަށް ވެކްސިން އުފެއްދި ކަޒަކިސްތާނުގެ ރިސަރޗު އިންސްޓިޓިއުޓު ފޮރ ބަޔޮލޮޖިކަލް ސޭފްޓީ ޕުރޮބްލަމުސުން ބުނެއެވެ.

ކަޒަކިސްތާނުން ކޯވިޑް-19އަށް ވެކްސިނެއް އުފެއްދުމުން ބޭސް އުފެއްދުމުގެ ދާއިރާގައި ކުރިއަރާފައިވާ ޤައުމުތަކުގެ ތެރޭގައި އެ ޤައުމު ހިމެނިފައިވާކަމަށް އެ ޤައުމުން ބުނެއެވެ. ނަމަވެސް ވެކްސިން އުފައްދާ މިންވަރު އިތުރުކުރުމަށް ދަތިތަކެއް ހުރިކަމަށާއި އެ ވެކްސިން ތުރުކީވިލާތުގައި ބަންދުކުރުމަށް ވިސްނަމުންދާކަމަށް ކަޒަކިސްތާނުން ބުނެއެވެ.