ޚަބަރު

ބޫޓާނުން އިންޑިޔާއަށް އޮކްސިޖަން ފޮނުވަނީ


ބުޓާނުގައި އަލަށް ޤާއިމުކުރި އޮކްސިޖަން ބަންދުކުރާ ކާރުޚާނާއިން ކޯވިޑް-19ގެ ސަބަބުން ޙާލަތު ގޯސްވެފައިވާ އިންޑިޔާއަށް އޮކްސިޖަން ފޯރުކޮށްދޭން ނިންމަފިއެވެ.

ބޫޓާނުގައި ޤާއިމުކުރާ އޮކްސިޖަން ބަންދުކުރާ ކާރުޚާނާގެ 51 އިންސައްތަ ޙިއްޞާ އޮންނަނީ ބޫޓާނުގެ ކުންފުންޏެއްކަމަށްވާ އެސް ޑީ ކުރަޔޮޖެނިކްސްގައެވެ. އަދި އެ ކުންފުނީގެ 49 އިންސައްތަ ޙިއްޞާ އޮންނަނީ އިންޑިޔާގެ އައްސާމުގައި މަރުކަޒުވެފައިވާ އިންޑިޔާގެ މެގަލަޔާ އޮކްސިޖަން ކުންފުނީގައެވެ.

ބޫޓާނުގައި ހުންނަ އިންޑިޔާގެ އެންބަސީން ނެރުނު ބަޔާނެއްގައި ބުނީ ބޫޓާނުގެ ޤާއިމުކުރާ އޮކްސިޖަން ބަންދުކުރާ ކާރުޚާނާގައި ދުވާލެއްގެ މައްޗަށް އުފައްދާ 40 މެޓުރިކް ޓަނުގެ އޮކްސިޖަން އިންޑިޔާއަށް ފޮނުވާނެކަމަށެވެ. އެ ޤައުމަށް އޮކްސިޖަން ފޮނުވާނީ ޚާއްޞަ ކޮންޓެއިނަރުތަކެއްގައެވެ. ބޫޓާނުން އިންޑިޔާއަށް އޮކްސިޖަން ފޯރުކޮށްދިނުމަކީ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިޔާއިން ކުރަމުންދާ މަސައްކަތަށް ބޮޑު އެހީއަކަށް ވާނެކަމެކެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.9 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 200،389 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ހަސްފަތާލުތަކުގެ އެނދުތައް ފުރި އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި އެ ޤައުމަށްވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.