ޚަބަރު

ސްރީ ލަންކާއަށް ކޯވިޑް-19ގެ ތިންވަނަ ރާޅެއްގެ ބިރުވެރިކަން


ސްރީ ލަންކާގެ ކޯވިޑް-19 ޙާލަތު ގޯސްވެ ބަލީގެ ތިންވަނަ ރާޅަކަށް އެ ޤައުމުން ތައްޔާރުވާން ފަށައިފިއެވެ. އެގޮތުން ބަލީގެ ތިންވަނަ ރާޅަކަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާގެ ވެރިރަށްކަމަށްވާ ކޮލޮންބޯ ހިމެނޭ ހުޅުނގު ޕުރޮވިންސާއި ދެކުނު ޕުރޮވިންސުގެ ހުރިހާ މަދަރުސާއެއް ބަންދުކުރުމަށްވަނީ ނިންމައިފައެވެ.

ސްރީ ލަންކާގައި މިހާތަނަށް 103،487 މީހުންނަށް ކޯވިޑް-19 ޖެހި 647 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. އެގޮތުން ދުވާލަކު 800އަށްވުރެ ގިނަ މީހުންނަށް އެ ޤައުމުގައި ބަލިޖެހިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 1،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ.

ޞިއްޙީ މާހިރުން ބުނާގޮތުގައި އެ ޤައުމުގައި ބަލި ފެތުރޭ މިންވަރު އިތުރުވީ ސިންހަޅަ އަދި ތަމަޅަ އައު އަހަރު ފާހަގަކުރުމަށް އޭޕުރިލް މަހުގެ 14ވަނަ ދުވަހު ބޭއްވި އެއްވުންތަކުގެ ސަބަބުންކަމަށެވެ. ސްރީ ލަންކާގައި މިހާރު ފެތުރެނީ ވައިރަހުގެ އައު ވައްތަރެއްތޯ ބެލުމަށް ދިރާސާތަކެއް ކުރަމުންދާކަމަށް އެ ޤައުމުން ބުނެއެވެ. ފާއިތުވި ދުވަސްތަކުގައި ބަލިޖެހި ޙާލު ދެރަވާ މީހުންގެ ތެރޭގައި ޒުވާނުން ގިނަކަމަށާއި އެފަދަ ބަލި މީހުންނަށް އޮކްސިޖަން ދީގެން އައިސީޔޫގައި ފަރުވާ ދެމުންދާ މިންވަރު އިތުރުވެފައިވާކަމަށް އެ ޤައުމުން ބުނެއެވެ.

ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކުސަ ވިދާޅުވީ ބަލިމަޑުކަމުން އަރައިގަނެވޭނެ ހަމައެކަނި މަގަކީ ވެކްސިން ދިނުންކަމަށެވެ. ޤައުމު ފުރަބަންދުކޮށް ކާފިޔު އިޢުލާނުކުރުމަކީ ސްރީ ލަންކާފަދަ ތަރައްޤީވަމުންދާ ޤައުމުތަކަށް އޮތް މަގެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.