ޚަބަރު

ތިން ޤައުމަކަށް އެހީވުމަށް 310 މިލިޔަން ޑޮލަރު އެމެރިކާއިން ކަނޑައަޅައިފި


މެދުތެރޭ އެމެރިކާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ޙައްލެއް ހޯދައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން އިތުރު އެހީތެރިކަން ދޭން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ގިނަ ޢަދަދެއްގެ ތޫފާނުތައް ކުރިމަތިވުމާއި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން މެދުތެރޭ އެމެރިކާގެ ތިން ޤައުމުކަމަށްވާ ގުއާޓަމާލާއާއި ހޮންޑޫރަސްއާއި އެލްސަލްވެދޯގެ ގާތްގަނޑަކަށް 7.8 މިލިޔަން މީހުންވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ.

ގުއާޓަމާލާގެ ރައީސް އަލެހެންދުރޯ ގިއަންމަތެއިއާ އިންޓަނެޓު މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވީ ގުއާޓަމާލާއާއި ހޮންޑޫރަސްއާއި އެލްސަލްވެދޯއަށް އެހީތެރިވުމަށް އެމެރިކާއިން 310 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަމަށެވެ. އެ ބައްދަލުވުމުގައި ހިޖުރަކުރަން ބޭނުންވާ މީހުންނާއި އެމެރިކާގެ ހިމާޔަތް ހޯދަން ބޭނުންވާ މީހުންނަށް ބޭނުންވާ މަޢުލޫމާތާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގުއާޓަމާލާގައި ޚާއްޞަ މަރުކަޒުތަކެއް ޤާއިމުކުރުމަށް އެއްބަސްވެފައިވާކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސުން ބުނެއެވެ.

އެމެރިކާއަށް ކުރިމަތިވެފައިވާ ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ނައިބު ރައީސް ހެރިސެވެ. ހިޖުރަވެރިންގެ މައްސަލައަށް ޙައްލެއް ހޯދުމަށް ގެންގުޅެވޭނެ އެންމެ ހަރުދަނާ ސިޔާސަތަކީ ހިޖުރަކުރާ މީހުން ބޭނުންވާނެ އިންތިޒާމުތައް އެ މީހުންގެ ޤައުމުތަކުގައި ޤާއިމުކުރުންކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ކަނޑައަޅާފައިވާ 310 މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން 125 މިލިޔަން ޑޮލަރު ޚަރަދުކުރާނީ ގިނަ ދުވަސްތަކެއްވަންދެން ވާރޭނުވެހުމާއި ކާބޯތަކެތި ނުލިބުމާއި ކޯވިޑް-19 ފެތުރުމުން ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށެވެ. ހިޖުރަވެރިންނަށް ރައްކާތެރިކަމާއި ސަލާމަތްކަން ޔަޤީންކުރުމަށް 103 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޞިއްޙީ އަދި ތަޢުލީމީ ދާއިރާއަށާއި ކާރިޘާތަކުގެ ސަބަބުން ދިމާވާ ޙާލަތްތަކުން އަރައިގަތުމަށް 26 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރުމަށްވަނީ ނިންމައިފައެވެ.