ޚަބަރު

ފަލަސްޠީނުގެ ރައްޔިތުންނާއި ބައިމަދު ޢަރަބިންނާމެދު އިސްރާއީލުން ނަސްލީ ތަފާތުކުރާކަމުގެ ތުހުމަތު


ފަލަސްޠީނުގެ ރައްޔިތުންނާއި އިސްރާއީލުގައި ދިރިއުޅޭ ބައިމަދު ޢަރަބިންނާމެދު އިސްރާއީލުން ނަސްލީ ތަފާތުކުރުންތައް ގެންގުޅޭކަމަށާއި އެއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއްކަމަށް އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްކަމަށްވާ ހިއުމަން ރައިޓުސް ވޮޗުން ބުނެފިއެވެ.

ހިއުމަން ރައިޓުސް ވޮޗުން ނެރުނު 213 ޞަފުހާގެ ރިޕޯޓެއްގައި ބުނީ އިސްރާއީލުގެ ބައެއް ޢަމަލުތަކާ 1900ގެ އަހަރުތަކުގައި ދެކުނު އެފުރިކާގައި ގެންގުޅުނު ނަސްލީ ތަފާތުކުރުންތަކުގެ ސިޔާސަތުތަކާ އެއްގޮތްތޯ އެ ޖަމްޢިއްޔާއިން ބަލާފައިވާކަމަށެވެ. ހިއުމަން ރައިޓުސް ވޮޗުން ބުނީ ފަލަސްޠީނުގެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދަތުރުކުރުން މަނާކުރުމާއި 1967ވަނަ އަހަރުގެ ތެރޭގައި ޔަހޫދީން އާބާދުކުރުމަށް ފަލަސްޠީނުގެ ބިންތައް ގަދަކަމުން އަތުލުމަކީ ޖަރީމާތަކެއްކަމަށެވެ. އެއީ 1973ވަނަ އަހަރުގެ ތެރޭގައި ޤާއިމުކުރި އަޕާތައިޑު ކޮންވެންޝަނާއި 1998ވަނަ އަހަރުގެ ތެރޭގައި ޤާއިމުކުރި ރޯމް ސްޓެޓިއުޓުގެ ދަށުން ޖަރީމާތަކެއްކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްވަނީ ހިއުމަން ރައިޓުސް ވޮޗުގެ ރިޕޯޓަށް މަރުޙަބާ ކިޔުއްވައިފައެވެ. ޢައްބާސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްޠީނުގެ މައްސަލައިގައި ޤައުމުތަކުން ފިޔަވަޅު އެޅުން މުހިންމުކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި އެ ޤައުމުތަކުގެ އިދާރާތަކާއި ޖަމްޢިއްޔާތަކާއި ވިޔަފާރިތަކުން އެއްވެސް ސިފައެއްގައި ބައިވެރިނުވާކަން ޔަޤީންކުރަންޖެހޭކަމަށެވެ.

މީގެ ހަފުތާތަކެއް ކުރިން އިންޓަނޭޝަނަލް ކުރިމިނަލް ކޯޓު އައިސީސީންވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް އެ ކޯޓުން ބަލާނެކަން އިޢުލާނުކޮށްފައެވެ. އައިސީސީއަށް ހިއުމަން ރައިޓުސް ވޮޗުގެ ރިޕޯޓު ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.