ޚަބަރު

އިންޑިޔާއަށް ކުރިމަރިވެފައިވާ ޙާލަތަކީ ހިތްފަޅައިގެންދާފަދަ ނިކަމެތި ޙާލަތެއް: ޑަބުލިޔުއެޗުއޯ


ކޯވިޑް-19ގެ ސަބަބުން އިންޑިޔާއަށް ކުރިމަތިވެފައިވާ ޙާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބުލިޔުއެޗުއޯއިން ބުނެފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.6 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 197،880 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ހަސްފަތާލުތަކުގެ އެނދުތައް ފުރި އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި ސްޓޭޓުތަކުންދަނީ ދަތިތަކާ ކުރިމަތިލަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 354،531 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެއްވެސް ޤައުމެއްގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. ބަލި ފެތުރުން ހުއްޓުވުމަށް އެ ޤައުމުގެ ބައެއް ސަރަޙައްދުތައްދަނީ ފުރަބަންދުކުރަމުންނެވެ. ބަލިމަޑުކަމުގެ ކަންކަން ބެލެހެއްޓުމުގައި އަސްކަރިއްޔާއިން އެހީތެރިވުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އަންގައިފައެވެ. އަދި އާންމުންނަށް ފަރުވާ ދިނުމަށް އަސްކަރީ ހަސްފަތާލުތައް ބޭނުންކުރާނެކަމަށް ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ.

ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ އިންޑިޔާއަށް ކުރިމަތިވެފައިވާ ޙާލަތަކީ ހިތްފަޅައިގެންދާފަދަ ހިތާމަވެރި ޙާލަތެއްކަމަށެވެ. މި ޙާލަތުގައި އިންޑިޔާއަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޑަބުލިޔުއެޗުއޯއިން މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެހެން ބޭނުންވާ ޞިއްޙީ ސާމާނު އެ ޤައުމަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށާއި އޭގެ ތެރޭގައި އޮކްސިޖަން ކޮންސެންޓުރޭޓަރާއި އެއްތަނުން އަނެއްތަނަށް ގެންދެވޭފަދަ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކާއި ލެބޯޓުރީއަށް ބޭނުންވާ ސާމާނު ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން ޑަބުލިޔުއެޗުއޯގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ 2،600އަށްވުރެ ގިނަ މާހިރުން އިންޑިޔާގެ ރަސްމީ ފަރާތްތަކާއެކު މަސައްކަތްކުރުމަށް ކަނޑައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ހަފުތާތަކުގައި އިންޑިޔާގެ އިތުރުން މުޅި ދުނިޔޭގެ ކޯވިޑް-19 ޙާލަތުވެސް ގޯސްވެފައިވާކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. ވިދިވިދިގެން ނުވަ ހަފުތާ ވަންދެން ދުނިޔޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަލި ފެތުރެންފެށި ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދާ އެއްވަރު ޢަދަދަކަށް މިދިޔަ ހަފުތާގެ ތެރޭގައި އެކަނި ބަލި ޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.