ޚަބަރު

މާސްކު ނާޅުއްވާތީ ތައިލެންޑުގެ ބޮޑުވަޒީރު ޖޫރިމަނާކޮށްފި


މާސްކު ނާޅުއްވާތީ ތައިލެންޑުގެ ބޮޑުވަޒީރު ޕުރަޔުތު ޗަން-އޮޗާ ޖޫރިމަނާކޮށްފިއެވެ.
.
ކޯވިޑް-19އާ ދެކޮޅަށް ތައިލެންޑުގެ ބައެއް ޕުރޮވިންސުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބައްދަލުވުންތަކާއި އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކުރުން ހިމެނެއެވެ. ނަމަވެސް ޗަން-އޮޗާ މާސްކު ނާޅުއްވާ ބައްދަލުވުމެއްގައި ހުންނެވި މަންޒަރު ފެންނަ ފޮޓޯއެއް އެމަނިކުފާނުގެ ފޭސްބުކު ޕޭޖުގައި ޝާއިރުކޮށްފައިވެއެވެ. އެ ފޮޓޯ ފަހުންވަނީ ނަގައިފައެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ގޮވަރުނަރު އަސްވިން ކުވަންމިއަންގު ވިދާޅުވީ އެ ފޮޓޯ އާންމުވުމުން ބޮޑުވަޒީރު ޤަވާއިދާ ޚިލާފުވެވަޑައިގެންފައިވާކަން އެމަނިކުފާނަށް އެންގެވިކަމަށެވެ. އެއަށްފަހު ތައިލެންޑުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ޗަން-އޮޗާ މަޢުލޫމާތު ސާފުކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ޤަވާއިދުތަކުގައި ބުނާ ގޮތުގައި ގެއިން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކު އަޅަންޖެހެއެވެ. އެ ޤަވާއިދާ ބޮޑުވަޒީރު ޚިލާފުވެވަޑައިގެންފައިވާތީ 190 އެމެރިކާ ޑޮލަރުން އެމަނިކުފާނުވަނީ ޖޫރިމަނާކޮށްފައެވެ.

ތައިލެންޑުގައި މިހާތަނަށް 57،508 މީހުންނަށް ކޯވިޑް-19 ޖެހި 148 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 2،438 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ.