ކުޅިވަރު

ލެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ލެސްޓަރ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލެސްޓަރ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ލެސްޓަރ ކާމިޔާބުކޮށްފިއެވެ. ލެސްޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓަރއިންނެވެ. މިގޮތުން މެޗްގެ 12 ވަނަ މިނެޓްގައި އެޓީމުންވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ވިލްފްރެޑް ޒަހާއެވެ. މި ލަނޑާއެކު ލެސްޓަރއިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގައި ލެސްޓަރއިން އެއްވަރު ކުރި ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޖަހައިދިނީ ޓިމޮތީ ކަސްޓަގްނަރއެވެ. އަދި މިމެޗުން ލެސްޓަރ މޮޅުވި ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހައިދިނީ މިވަގުތު މޮޅު ކުޅުމެއް ދައްކަމުންދާ ކެލޭޗީ އިއަނާޗިއޯއެވެ. ލެސްޓަރއިން މިމެޗުން މޮޅުވި ލަނޑު ޖެހުމުގެ ކުރިން ޕެލަސްއަށްވެސް ލީޑު ނަގަން ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެލަސްއިން އުފެއްދި ހަމަލާވަނީ ލެސްޓަރގެ ޑިފެންސްއިން ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށް ލެސްޓަރއިން ކުރަމުންދާ މަސައްކަތް މިހާރު މިވަނީ ވަރަށް ބޮޑުބައި ކާމިޔާބުވެފައެވެ. މިގޮތުން މިހާރު ޕޮއިންޓް ތާވަލްގެ ތިންވަނައިގައި އުޅޭ ލެސްޓަރއަށް ވަނީ 33 މެޗުން 62 ޕޮއިންޓް ލިބިފައެވެ. އަދި ބާކީ މިހާރު ކޮންމެ ޓީމަކަށް 5 މެޗް އޮތް އިރު ފަސްވަނައިގައި އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި ދެމެދު 7 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. މިދިޔަ ސީޒަންގައިވެސް ވަރަށް ފަހަކާއި ޖެހެން ދެން ގަދަ ހަތަރެއްގައި އޮތުމަށްފަހު އެންމެ ފަހު ވަގުތު ވަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބި ތާވަލްގެ ފަހަތަށް ވެއްޓިފައެވެ. އެހެން ކަމުން މިފަހަރު މިދިޔަ ސީޒަންގައި ކަންވީ ގޮތަށް ބަލައި ލެސްޓަރއިން އެކަންކަން ވިޔަ ނުދީ ފަރުޖެއްސޭތޯ މަސައްކަތް ކުރާނެކަމަށް ބެލެވެއެވެ. މިމެޗުން ބަލިވުމުން ޕެލަސް އުޅޭނީ ކުޅުނު 32 މެޗުން ލިބިފައިވާ 38 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.