މުނިފޫހިފިލުވުން

ކަބީރު ސިންގް ރޯލް ފުރަތަމަ ދިނީ ކާކަށް؟


2019 ވަނަ އަހަރު ނުކުތް އެންމެ ހިޓް ފިލްމަކީ "ކަބީރު ސިންގް" ކަމުގައި ގިނަ ބަޔަކު އެއްބަސްވާނެއެވެ. މިއީ މަޝްހޫރު ތެލުގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރީމޭކެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔައީ ޝާހިދު ކަޕޫރާއި ކިއަރާ އަދްވާނީއެވެ.

ފިލްމުގައި ދައްކުވައިދިން ޝާހިދު ކަޕޫރުގެ ރޯލަށް ފުރަތަމަ ހަމަޖެއްސީ އަރުޖުން ކަޕޫރެވެ. އަރުޖުން ބުނީ ފިލްމުގެ ޕްރޮޑިއުސަރުން އެ ރޯލާއި ގުޅޭގޮތުން އޭނާއާއި ވާހަކަދެއްކިއެވެ. ނަމަވެސް އެ ރޯލް އަރުޖުން ނުކުޅުނު ސަބަބެއް ހާމައެއް ނުކުރެއެވެ.

ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށްފައިވާ "ކަބީރު ސިންގް" އަކީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތުން އަމިއްލަ ނަފުސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑެންޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ކަބީރު ސިންގް" ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 100 މިލިއަން ރުޕީސް (14 މިލިއަން ޑޮލަރު) އާމްދަނީއެއް ވަނީ ހޯދާފައެވެ.

ޝާހިދު އެންމެ އަވަހަށް ފެނިގެންދާނީ ތެލުގޫ ފިލްމް "ޖާޒީ" ގެ ރީމޭކުން ކުރިކެޓް ކުޅޭމީހެއްގެ ރޯލުންނެވެ. އޭނާގެ ހިޓް ފިލްމުތަކުގެ ތެރޭގައި "ކަބީރު ސިންގ" "ޕަދްމާވަތް"، "ރަންގޫން"، "ހައިދަރު" އަދި "ކަމީނޭ" ހިމެނެއެވެ.

އަރުޖުން އެންމެ ފުރަތަމަ ފެނިގެންގޮސްފައިވަނީ ޕަރިނީތީ ޗޯޕްރާއާއެކު 2012 ވަނަ އަހަރު ނެރުނު ފިލްމު "އިޝްގް ޒާދޭ" އިންނެވެ. "ބޫޓު ޕޮލިސް" އަދި "އެކް ވިލަން ރިޓާރންސް" އަކީ އަރުޖުންގެ ކުރިއަށް ހުރި ފިލްމުތަކެވެ. އަރުޖުންގެ އެންމެ ފުރަތަމަ ފިލްމީ މަސައްކަތަކީ 2003 ވަނަ އަހަރު ނެރުނު ކަލްހޯނަހޭގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަސައްކަތެވެ.