ޚަބަރު

ޤުދުސްގައި ޖެހި ދަގަނޑު ހުރަސްތައް ނެގުމުން ފަލަސްޠީނުގެ ރައްޔިތުންނަށް އުފާވެރިކަން


އިސްރާއީލުން ޤުދުސްގެ އަލްބަލްދަތުލް ޤަދީމާގެ ދޮރާއްޓެއްކަމަށްވާ ބާބުލް ޢާމޫދު ސަރަޙައްދުގައި ޖަހާފައިވާ ދަގަނޑު ހުރަސްތައް ނަގައިފިއެވެ. އިސްރާއީލުން އެ ހުރަސްތައް ނެގުމުން ފަލަސްޠީނުގެ ރައްޔިތުންވަނީ އެކަމާ އުފާކޮށް އެ ސަރަޙައްދަށް ޖަމާވެފައެވެ.

ރަމަޟާން މަސް ފެށުމުން އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ދުއްތުރާތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މަޣްރިބު ނަމާދަށްފަހު ބާބުލް ޢާމޫދު ދޮށަށް ފަލަސްޠީނުގެ މުސްލިމުން އާންމުކޮށް އެއްވެއެވެ. ނަމަވެސް އެ އެއްވުންތަކަށް އިސްރާއީލުގެ ސަލާމަތީ ބާރުތަކުންވަނީ ހުރަސްއަޅައި އިސްރާއީލުގެ ސިފައިންނާ ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތައްވަނީ ހިނގައިފައެވެ. އެ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ބާރުގެ ބޭނުންކުރުމުން 100އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ. އަދި ފަލަސްޠީނުގެ 50އަށްވުރެ ގިނަ މީހުންވަނީ ޙައްޔަރުކޮށްފައެވެ.

ބާބުލް ޢާމޫދުގައި ހުރި ދަގަނޑު ހުރަސްތައް ނަގާފައިވަނީ އޭޕްރިލް މަހުގެ 25ވަނަ ދުވަހުއެވެ. ފަލަސްޠީނުގެ ރައްޔިތުންވަނީ އެ ހުރަސްތައް ނަގަމުންދިޔަ މަންޒަރު ދައްކުވައިދޭ ވީޑިޔޯތައް މީސްމީޑިޔާގައި އާންމުކޮށްފައެވެ. ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ތަރުޖަމާނަކު ބުނީ އިސްރާއީލުން ޤުދުސްގައި ހުރި ދަގަނޑު ހުރަސްތައް ނެގުމަކީ ފަލަސްޠީނަށް ލިބުނު ކާމިޔާބީއެއްކަމަށާއި އެކަން ޙާޞިލުވީ ފަލަސްޠީނުގެ ޒުވާނުންގެ މަސައްކަތުންކަމަށެވެ.

އިސްރާއީލާއި ފަލަސްޠީނުގެ މައްސަލައިގެ އެންމެ މައިގަނޑު އެއް ދެބަސްވުމަކީ ޤުދުސްގެ މައްސަލައެވެ. 1967ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ އިރުމަތީ ޤުދުސާއި ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ޤާއިމުކުރުމަށް ފަލަސްޠީނުން ބޭނުންވެއެވެ.