ޚަބަރު

ކޯވިޑް-19ގެ ޙާލަތު ގޯސްވެ ބެންގަލޫރު ފުރަބަންދުކުރަނީ


އިންޑިޔާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ބެންގަލޫރު ހިމެނޭ ގޮތަށް ކަރުނާޓަކާ ސްޓޭޓު ފުރަބަންދުކުރުމަށް ނިންމައިފިއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.3 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 195،484 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެ އެ ޤައުމުގެ ޞިއްޙީ ނިޒާމަށްވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 354،531 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެއްވެސް ޤައުމެއްގައި އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.

ކަރުނާޓަކާ ފުރަބަންދުކުރުމަށް ނިންމާފައިވަނީ ތިން ގަޑިއިރަށް ދެމިގެންދިޔަ އެ ސްޓޭޓުގެ ސަރުކާރުގެ ބައްދަލުވުމަކަށްފަހުއެވެ. ކަރުނާޓަކާގެ ސަރުކާރުން ބުނީ އޭޕުރިލް މަހުގެ 27ވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބެންގަލޫރު ފުރަބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ މުއްދަތުގައި ޒަރޫރީ ސާމާނު ވިއްކާ ފިހާރަތައް ނޫން އެހެން ހުރިހާ ވިޔަފާރިތައް ބަންދުކުރަންޖެހޭނެއެވެ. ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަ ދޭނީ ހެނދުނު 6ން 10އަށެވެ. ނަމަވެސް ޓޭކުއަވޭ ޚިދުމަތް ފޯރުކޮށްދޭ ރެސްޓޯރަންޓުތަކާއި ކެފޭފަދަ ތަންތަން ރޭގަނޑު 9 ޖަހަންދެން ހުޅުވައިފައި ބެހެއްޓޭނެއެވެ. އޭގެ އިތުރުން ކޮންމެހެން ބޭނުންވާ މުދަލާއި ޞިއްޙީ ސާމާނު އުފައްދައި ކާރުޚާނާތައްވެސް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަވަނީ ދީފައެވެ.

ސަރަޙައްދީ ސަރުކާރުން ބުނީ ފުރަބަންދުގެ މުއްދަތުގައި އާންމު ދަތުރުފަތުރުގެ ނިޒާމު މެދުކަނޑާލާނެކަމަށެވެ. ޞިއްޙީ ޚިދުމަތްތަކާއި މާލީ އިދާރާތައް ފިޔަވައި ސަރުކާރުގެ އިދާރާތައްވެސް ބަންދުކުރުމަށްވަނީ ނިންމައިފައެވެ. އަލަށް އަޅައި ފިޔަވަޅުތަކަށް ލުއި ދިނުމާމެދު ގޮތެއް ނިންމާނީ މެއި މަހުގެ 10ވަނަ ދުވަހު ފުރަބަންދުގެ ދެ ހަފުތާގެ މުއްދަތު ހަމަވުމުންނެވެ.