ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ވިޔަރެއާލް ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފިއެވެ. ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ބާރސާ ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާފައިވަނީ ވިޔަރެއާލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެމިއުލް ޗުކްވުއޭޒްއެވެ. ނަމަވެސް މިލަނޑު ޖަހާ މެޗްގެ ލީޑު ވިޔަރެއާލްއިން ނެގިތާ 2 މިނެޓް ފަހުން ބާރސާއިންވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި މިލަނޑު ޖެހިތާ ހަތް މިނެޓް ފަހުން މިމެޗުން ބާރސާ މޮޅު ކޮށްދިން ލަނޑުވެސް ޖަހާދިނީ ގްރީޒްމަންއެވެ. މިމެޗްގެ 65 ވަނަ މިނެޓްގައި ވިޔަރެެއާލްގެ މާނޫ ޓްރިގުއެރޯސް ބާރސާގެ ކެޕްޓަން ލިއޮނެލް މެސީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީވަނީ އޭނާއަށް ރަތް ކާޑު ދައްކާފައެވެ.
ބާރސާއިން މިމެޗް ކާމިޔާބުކޮށްފައިވާއިރު ތާވަލްގެ އެއްވަނައިގާ އުޅޭ އެޓްލެޓިކޯ މެޑްރިޑް ރޭ އެތުލެޓިކް ބިލްބާއޯ އާއި ބައްދަލުކުރިމެޗުން ބަލިވުމުން މިފަހަރުގެ ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ބާރސާއަށް މިހާރުވަނީ ތަނަވަސްވެފައެވެ. އެއީ ބާރސާ އާއި އެޓްލެޓިކޯއާއި ދެމެދުގައިވާ ފަރަގު މިހާރު ދެ ޕޮއިންޓަށް ކުޑަވެފައިވާއިރު ބާރސާއިން ވަނީ އެއްމެޗް މަދުން ކުޅެފައެވެ. އެމެޗް ބާރސާ ކާމިޔާބުކޮށްފި ނަމަ ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެޓްލެޓިކޯއިން މިހާރު 33 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 73 ޕޮއިންޓެވެ. އަދި ބާރސާއިން 32 މެޗު ކުޅެގެން ލިބިފައިވަނީ 71 ޕޮއިންޓެވެ.