ކުޅިވަރު

ވިމެންސް ޗެމްޕިއަންސް ލީގު ސެމީފައިނަލް ފުރަތަމަ ލެގް ބަޔާން ކާމިޔާބު ކޮށްފި


ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ބަޔާން މިޔުނިކާއި ޗެލްސީ ވިމެން ބައްދަލުކުރި ފުރަތަމަ ލެގް ބަޔޭން ކާމިޔާބުކޮށްފިއެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 12 ވަނަ މިނެޓްގައި ޖަހައިދިނީ ސިޑްނީ ލޯމާންއެވެ. މިމެޗްގައި ޗެލްސީއިން އެއްވަރު ކުރި ލަނޑަކީ ބަޔާންގެ މެލެނީ ލެއުޕޯލްޒް ގައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގައި ބަޔާންއިން ދެވަނަ ފަހަރަށް ލީޑު ނެގީ ހަނާ ގްލާސް ޖަހައިދިން ލަނޑުންނެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު ދެވަނަ ލެގަށް ނިކުންނައިރު ބަޔާންއަށް އެޑްވާންޓޭޖް ލިބިފައިވީ ނަމަވެސް ދެވަނަ ލެގް ކުޅެވޭނީ ޗެލްސީގެ ދަނޑުގައި ކަމުން މިމުބާރާތުގެ ފައިނަލާއި މެދު ޗެލްސީއިން ކުރާ އުންމީދު މިހާރު ބޮޑެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެޓީމަށް ކާމިޔާބު ކުރެވިފައިވަ އަވޭ ގޯލެކެވެ. ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ.

މިމުބާރާތުގެ ދެވަނަ ސެމީފައިނަލްގައި ޕެރިސް ސެއިންޓް ޖަރމެއިން ފެމިނީންސް އާއި ބާސެލޯނާ ފެމެނީނޯ ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް ނިމުނީ އެއް ލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލީޑު ނެގީ ޖެނިފަރ ހަރމޯސޯ ޖަހައިދިން ލަނޑުން ބާސެލޯނާއެވެ. މިމެޗްގައި ޕީއެސްޖީއިން އެއްވަރު ކުރި ލަނޑު ޖަހައިދިނީ އެލާނާ ކުކްއެވެ.