މުނިފޫހިފިލުވުން

އިންޑިއާގައި ކޯވިޑް ޖެހިފައިވާ މީހުންނަށް އަކްޝޭގެ ބޮޑު އެހީއެއް


ހިންދީ ސިނަމާތަކުން ފެންނަ ތަރިންގެ ތެރެއިން އަކްޝޭ ކުމާރަކީ ވަރަށް ގިނަ ބަޔަކަށް މަގްބޫލު ތަރިއެކެވެ. އެނާގެ އެކްޓިންގެ އިތުރުން ގިނަ ބަޔަކަށް އޭނާ އެންމަ ކަމުދަަނީ އިންސާނީ އެހީގެ ގޮތުން އެނާ ކުރާ މަސައްކަތްތަކެވެ. ދިމާވާ ހަދިސާތަކާއި ހާލުގައި ޖެހޭ މީހުންނަށް އެންމެ ފުރަތަމަ އެހީވާ ނުކުންނަ ތަރިންގެ ލިސްޓުގެ ކުރީގައި އަބަދުވެސް އަކްޝޭގެ ނަން އޮވެއެވެ.

އަނެއްކާވެސް އަކްޝޭ މިވަނީ މިކަހަލަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަދި މިހާރުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ގޯތަމް ގަމްބީރު ގެ ފައުންޑޭޝަނަށް 1 ކްރޯޑް ރުޕީސް އަކްޝޭ ކުމާރު މިވަނީ ހަދިޔާކޮށްފައެވެ. މި ފައުންޑޭޝަނަކީ ކޯވިޑް ޖެހިފައިވާ ބަލި މީހުންނަށް އެހީތެރިވުމަށް ހަދާފައިވާ ފައުންޑޭޝަނެކެވެ.

އަކްޝޭގެ އެހީ ލިބުމުން ގަމްބީރު ވަނީ އެކަން ފާހަގަކޮށްފައެވެ. އަކްޝޭއަށް ޝުކުރު އަދާކޮށް ޤަމްބޫރު ބުނެފައިވަނީ އަކްޝޭއަކީ މިފަދަ ހުރިހާ އެހީތެރިކަމެއްގައި އަބަދުވެސް ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

ޤައުމަށް ދަތިކަމެއް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި އެހީތެރިކަމުގެ އަތް އެންމެ ފުރަތަމަ ދިއްކޮށްލާ ތަރިއަކަށް އަކްޝޭ ވާނެއެވެ. ފެންބޮޑުވުމާއި ބިންހެލުމުގެ ސަބަބުން ހާލުގައިޖެހުނު މީހުންނަށް އެހީވުމާއި، ކޯވިޑް ބަލިމަޑުކަމާއި ދެކޮޅަށް މަސައްކަތްކުރާ ޞިއްޚީ ދާއިރާގެ މީހުންނަށް މާސްކާއި އެހެނިހެން މެޝިނަރީތައްވެސް އަކްޝޭވަނީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުންވެސް އެތައް ކަމެއްގައި އަކްޝޭގެ ދީލަތި އެހީވަނީ ދީފައެވެ.

އުމުރުން 53 އަހަރުގެ އަކްޝޭ ކުމާރް ވަނީ ފިލްމީ ދާއިރާއިން އެތައް އެވޯޑުތަކެއް ހާސިލް ކޮށްފައެވެ. އަދިވެސް އޭނާ އަންނަނީ ކާމިޔާބު އެތައް ފިލްމްތަކެއް އާއްމުންނަށް ދޫކޮށްލަމުންނެވެ. އަކްޝޭގެ އެވޯޑްތަކަށް ބަލާލާއިރު 2008 ވަނަ އަހަރު އައިޓީއޭ ޕޮޕިއުލާ އައިކަން އެވޯޑާއި 2010، 2011، 2012 މި ތިން އަހަރު ޖެހި ޖެހިގެން ސްޓާ ޑަސްޓުގެ "ބެސްޓް ކޮމެޑީ ނުވަތަ ރޮމޭންސް އެކްޓަރު" ލިބިފައިވެއެވެ. މީގެ އިތުރުން 2009 ވަނަ އަހަރު އަކްޝޭވަނީ ޕަދްމަޝްރީ އެވޯޑްވެސް ޙާޞިލްކޮށްފައެވެ.

އަކްޝޭ ކުމާރް މިހާތަނަށް 113 ފިލްމެއް ކުޅެފައިވާ އިރު 52 ފިލްމަކީ ވަރަށް ކާމިޔާބު ފިލްމުތަކެކެވެ. މި ފަހުން މަޝްހޫރު ވެފައިވާ ފިލްމު ތަކުގެ ތެރޭގައި "ހައުސްފުލް 4" އާއި "ގުޑް ނިއުޒް" ހިމެނެއެވެ. އަކްޝޭގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި "ސޫރްޔަވަންޝީ"، "ބެލްބޮޓޮމް"، "އަތްރަންގީރޭ"، "ރަކްޝާބަންދަން"، "ޕްރިތްވީ ރާޖް" އަދި "ރާމް ސެޓޫ" ހިމެނެއެވެ.