ޚަބަރު

އަފްޣާނިސްތާނުގައި ތިބި ބޭރު ސިފައިން ބޭލުމުގެ މަސައްކަތް ފަށައިފި


އަފްޣާނިސްތާނުގައި ތިބި ބޭރު ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣަނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ފައުޖުތައްވެސް ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ބޭލުމަށް ނޭޓޯގެ މެންބަރު ޤައުމުތަކުންވެސްވަނީ ނިންމައިފައެވެ.

އަފްޣާނިސްތާނުގައި ތިބި ބޭރު ފައުޖުތަކުގެ އިސް ކޮމާންޑަރެއްކަމަށްވާ އެމެރިކާގެ އާމީ ޖެނެރަލް ސްކޮޓު މިލަރ ވިދާޅުވީ ވަކި ތަރުތީބަކުން ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ބާލައި އަސްކަރީ މަރުކަޒުތަކާއި ސާމާނުތައް އަފްޣާނިސްތާނާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެ މަސައްކަތް ކުރަނީ އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމަ ނިމުމަކަށް ގެނަޔުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އަންގަވާފައިވާ އެންގުމުގެ ދަށުންކަމަށް މިލަރ ވިދާޅުވިއެވެ.

2018ވަނަ އަހަރުން ފެށިގެން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ފައުޖުތަކާ ޙަވާލުވެ ހުންނެވި މިލަރ ވިދާޅުވީ ފައުޖުތައް ތިބި މަރުކަޒުތައް ރޫޅާލައި ބައެއް ސާމާނު އަފްޣާނިސްތާނާ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަމިއްލަ ރައްކާތެރިކަން ޔަޤީންކުރުމުގެ ޤާބިލުކަން އެ ފައުޖުތަކަށް ލިބިގެންވާކަމަށާއި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ވާގިވެރިވަމުންދާނެކަމަށެވެ. ޠާލިބާނު ޕޮލިޓިކަލް ކޮމިޝަނުގެ މެންބަރުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ލިބުނުކަމަށާއި ޙަމަލާ ބަދަލުކުރުމަށް ޠާލިބާނުން ނިންމައިފިނަމަ އެ ނިންމުމަކީ އަފްޣާސްނިތާނާއި އެ ޤައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.