ކުޅިވަރު

ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓްރީއަށް 378 މިލިއަން ރުފިޔާ


އަންނަ އަހަރުވެސް ޒުވާނުންނަށް ބޮޑު ހޭދައެއް ކުރައްވަން ސަރުކާރުން ބަޖެޓްކުރައްވައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އަންނަ އަހަރުގެ ބަޖެޓްގައި ކުޅިވަރާއި ޒުވާނުންގެ މިނިސްޓްރީއަށް 378 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން ޒުވާނުންގެ ސިޓީ ނުވަތަ ހުޅުމާލޭގައި ތަރައްޤީކުރާ ޔޫތް ސިޓީއަށް 521 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ. މިއީ ޔޫތް ސިޓީ ތަރައްޤީކުރުމަށް ކުރެވޭ އެކި އެކި ކަންކަމަށް ކަނޑައަޅުއްވާފައިވާ ފައިސާއެވެ. ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ކުޅިވަރު އެރީނާތައް ޤާއިމްކުރުމުގެ ސަތޭކަ ފަންސާސް ހަތް މަޝްރޫއެއް ވަނީ ބަޖެޓްކޮށްފައެވެ. އޭގެ ތެރޭގައި މިހާރުވެސް ކުރިއަށްދާ ބައެއް މަޝްރޫއުތައް ހިމެނެއެވެ. އޭގެތެރޭގައި ފުޓްސެލް ދަނޑުތަކާއި ބަށި ކޯޓްތައް ހިމެނެއެވެ. މީގެތެރެއިން ބައެއް މަސައްކަތްތައް މިހާރުވެސް ވަނީ ކޮންޓްރެކްޓަރާއި ހަވާލުކުރައްވާފައެވެ. މިމަޝްރޫއުތަކަށް 233 މިލިއަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.