ޚަބަރު

އަރުމޭނިޔާގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވައިފި


އަރުމޭނިޔާގެ ބޮޑުވަޒީރު ނިކޮލް ޕަޝިޔާން އިސްތިޢުފާ ދެއްވައިފިއެވެ. އޭނާ އިސްތިޢުފާ ދެއްވީ އަވަސް އިންތިޚާބެއް ބޭއްވުމަށް މަގުފަހިކުރުމަށެވެ.

އަރުމޭނިޔާގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އަޒަރުބައިޖާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެންމެ ރަނގަޅަށް ޢަމަލުކޮށްފައިނުވާކަމަށް ބުނެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ނަގޯރުނޯ-ކަރަބާޚު ސަރަޙައްދުގައި ހަ ހަފުތާ ވަންދެން އަޒަރުބައިޖާނުގެ ފައުޖުތަކާ ހަނގުރާމަކޮށް އަރުމޭނިޔާއިން ނާކާމިޔާބުމުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕަޝިޔާނަށް މަޖުބޫރުވެވަޑައިގަތެވެ. އެއާއެކު އޭނާގެ އިސްތިޢުފާއަށް އެ ޤައުމުގެ ރައްޔިތުން ގޮވައިފައިވެއެވެ.

ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން އިޢުލާނުކުރައްވަމުން ޕަޝިޔާން ވިދާޅުވީ ރައްޔިތުން އޭނާއާ ޙަވާލުކުރި ބާރުތައް އަނބުރާ ރައްޔިތުންނަށް ޙަވާލުކުރައްވާކަމަށާއި އެގޮތަށް ކަންތައް ކުރައްވަނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކުން ސަރުކާރުގެ ކުރިމަގު ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް ދެއްވުމަށްކަމަށެވެ. އޭނާ ވިދާޅުވީ ރަޝިޔާ މެދުވެރިވެ އެކުލަވާލި ޞުލްޙައިގެ އެއްބަސްވުމުގައި އަރުމޭނިޔާއަށް ސޮއިކުރުމަށް މަޖުބޫރުވީ ޤައުމަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްކަމަށެވެ.

ޙަމަލާ ބަދަލުކުރުން ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް ޕަޝިޔާން އެއްބަސްވެވަޑައިގަތުމުން އަރުމޭނިޔާގެ އަސްކަރިއްޔާއިންވަނީ އޭނާ އިސްތިޢުފާ ދެއްވުމަށް އެދިފައެވެ. އެއާއެކު ބޮޑުވަޒީރުވަނީ އޭނާގެ ޗީފް އޮފް ސްޓާފު މަޤާމުން ދުރުކުރުމަށް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް އަރުމޭނިޔާގެ ރައީސްގެ ރުހުން ނުލިބުމުން އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

ބޮޑުވަޒީރު ޕަޝިޔާން އިސްތިޢުފާ ދެއްވާފައިވަނީ 1915ވަނަ އަހަރު އުޘްމާނީ ޚިލާފަތުން އަރުމޭނިޔާއާ ދެކޮޅަށް ހިންގާފައިވަނީ ޖަރީމާއެއްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުތިތާ އެއް ދުވަސް ފަހުންނެވެ. އައު އިންތިޚާބެއް ބާއްވަން ނިންމާފައިވަނީ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ.