ޚަބަރު

އޮކްސިޖަން ޓޭންކެއް ގޮވައި މަރުވި މީހުންގެ ޢަދަދު 82އަށް


ޢިރާޤުގެ ވެރިރަށް ބަޣުދާދުގެ ހަސްފަތާލެއްގައި އޮކްސިޖަން ޓޭންކެއް ގޮވުމުން ހިނގި އަލިފާނުގެ ހާދިޘާއެއްގައި 82 މީހުން މަރުވެ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެއްޖެއެވެ.

އަލިފާނުގެ ހާދިޘާ ހިނގާފައިވަނީ ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުންދާ ހަސްފަތާލެއްކަމަށްވާ އިބުނު ޚާތިބު ހަސްފަތާލުގައެވެ. އޮކްސިޖަން ޓޭންކު ގޮވައި ހަސްފަތާލުގައި ރޯވުމުން އަލިފާންގަނޑުން ސަލާމަތްވުމަށް އެ އިމާރާތުގެ އެތެރޭގައި ތިބި ގިނަ ޢަދަދެއްގެ މީހުންވަނީ އިމާރާތުން ބޭރަށް ފުންމާލައިފައެވެ. އެ ހާދިޘާގައި މަރުވި ގިނަ މީހުންނަކީ ހަސްފަތާލުގައި ފަރުވާ ހޯދަމުންދިޔަ މީހުންނެވެ. އެ ހާދިޘާގައި 110އަކަށްވުރެ ގިނަ މީހުން ޒަޚަމްވިކަމަށް ޢިރާޤުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

ޢިރާޤުގެ ބޮޑުވަޒީރު މުސްޠަފާ އަލްކާޟިމީވަނީ އެ ހާދިޘާ ހިނގީ ފަރުވާކުޑަކަމުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. ކާޟިމީވަނީ ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޙަސަން އަލްތަމީމީ ވަގުތީގޮތުން މަޤާމުގެ މަސްޢޫލިއްޔަތުން ދުރުކުރައްވައިފައެވެ. އެ ހާދިޘާ ތަހުޤީޤުކޮށް ނިމެންދެން ޞިއްޙަތާބެހޭ ވަޒީރު ހުންނަވާނީ މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. އޭނާގެ އިތުރުން ބަޣުދާދުގެ ގަވަރުނަރާއި ޞިއްޙަތާބެހޭ ވުޒާރާގެ އިސްވެރިންތަކެއްވެސްވަނީ މަޤާމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. އަދި ހަސްފަތާލުގެ މެނޭޖަރާއި ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާއާއި މެއިންޓަނަންސްގެ އިސްވެރިޔާވަނީ ޙައްޔަރުކޮށްފައެވެ. އެ ހާދިޘާއާ ގުޅިގެން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި އެ ހާދިޘާގެ ތަހުޤީޤުގެ ހޯދުންތައް ފަސް ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެ ޤައުމުގެ ބޮޑުވަޒީރުވަނީ އަންގަވައިފައެވެ.