ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ކުޅުމަށް ޗެލްސީއިން ކުރަމުންދާ އުންމީދު އާކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލުކުރިމެޗް ކާމިޔާބުކޮށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ޗެލްސީއިން ކުރަމުންދާ މަސައްކަތް ހަރުދަނާ ކޮށްފިއެވެ. ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ޗެލްސީއެވެ. ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް އޮތް މިދެޓީމްގެ ކުރިމަތިލުމުން މޮޅުވާ ޓީމަށް މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހަރުދަނާ ކަމެއް ލިބިގެންދާނެކަން ކަށަވަރުވެފައިވި މިމެޗްގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ޖަހައިދިނީ ޗެލްސީގެ ޖަރުމަނު ފޯވަޑް ޓީމޯ ވަރނަރއެވެ. މިއީ ފެބްރުއަރީމަހަށްފަހު ވަރނަރ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށް ލިބިގެންދިޔައެވެ. ނަމަވެސް މިމެޗުގައި ވެސްޓް ހޭމްގެ ފަރާތުން އެހެން މެޗުތަކުގައި ފެންނަމުންދިޔަ ކުޅުން ފެނިގެނެއް ނުދިޔައެވެ. މިގޮތުން ފަހަކަށް އައިސް ވެސްޓް ހޭމް ކުޅޭ މެޗްތަކުގެ ފުރަތަމަ ހާފްގައި ގިނަ ލަނޑު ތަކެއް އެޓީމުން ޖަހާފައިވީ ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ވެސްޓް ހޭމަށް ފޮނުވާލެވޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީވަނީ މިހާތަނަށް ކުޅުނު 33 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގެ ހަތަރުވަނައިގައި 3 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި ވެސްޓް ހޭމް އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ފަސް މެޗް އޮތުމުން ޗެމްޕިއަންސް ލީގުގެ ފަހު ޖާގައަށް އޮތް ވާދަވެރިކަން ފަހު މެޗާއި ހަމައަށް އޮންނާނެކަމަށް ބެލެވެއެވެ. މިޖާގައަށް މިދެޓީމްގެ އިތުރުން ލިވަޕޫލާއި ޓޮޓްނަމް ހޮޓްސްޕަރ އަދި އެވަޓަންއިން އަންނަނީ ވާދަކުރަމުންނެވެ.