ކުޅިވަރު

ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް ލިވަޕޫލް ކުރާ މަސައްކަތަށް ހީނަރުކަމެއް


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް އެއްވަރުވެ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުމަށް ލިވަޕޫލުން ކުރަމުންދާ އުންމީދުތަކަށް ހީނަރުކަމެއް އަތުވެއްޖެއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލެވެ. އަދި މިމެޗް ލިވަޕޫލުން ފެށީ ވަރަށް ރަނގަޅަށެވެ. މިގޮތުން މެޗްގެ 3 ވަނަ މިނެޓްގައި މުހަންމަދު ސަލާވަނީ ލިވަޕޫލަށް މިމެޗްގައި ލީޑު ނަގާދީފައެވެ. އެ ލަނޑާއެކު މިމެޗްގައި ލިވަޕޫލްގެ ފަރާތުން އިތުރު ލަނޑުތަކެއް ފެނިގެންދާނެ ކަމަށް ޤަބޫލް ކުރެވުނު ކަމުގައި ވީނަމަވެސް ނިއުކާސްލްއިން ހިތްވަރާއެކު ދައްކަމުންދިޔަ ކުޅުމުގެ ސަބަބުން ލިވަޕޫލަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ލިވަޕޫލަށް ލަނޑެއް ކާމިޔާބު ނުކުރެވި ގިނައިރު ވުމުގެ ނަތީޖާއަކަށްވީ ނިއުކާސްލްއަށް ހިތްވަރު އާވެ އެޓީމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރުން. މިގޮތުން މިމެޗްގެ ފަހު ވަގުތު ކޮޅުވެ ތެރޭގައި ނިއުކާސްލްއިންވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މެޗުގެ ފަހު މިނެޓްގައި ނިއުކާސްލްގެ ކަލުމް ވިލްސަން ލިވަޕޫލްގެ ގޯލަށް ބޯޅަ ވައްދާލުމުން މެޗްގެ ނަތީޖާ ހަމަހަމަ ވީ ކަމަށް ހީވި ނަމަވެސް ބޯޅަ ގޯލަށް ވަނުމުގެ ކުރިން ވިލްސަންގެ އަތުގައި ބޯޅަ ޖެހިފައިވުމުން އެގޯލް ލަނޑަކަށް ނުބެލިއެވެ. އަދި ނިއުކާސަލްއިން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ އިތުރު ވަގުތުގެ 5 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ޖޯ ވިލޮކް ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ.

މިމެޗް އެއްވަރުވުމުން ލިވަޕޫލަށް ޕޮއިންޓް ތާވަލްގެ ފަސްވަނައަށް އެރުމަށް ލިބިފައިވި ފުރުސަތު މިވަގުތަށް މިވަނީ ގެއްލިގެން ގޮސްފައެވެ. ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ. އަދި މިނަތީޖާގެ ސަބަބުން ނިއުކާސްލް މިހާރުވަނީ ރެލިގޭޝަނާއި އިތުރަށް ދުރަށް ޖެހިލާފައެވެ. މިގޮތުން ނިއުކާސްލް މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.