ކުޅިވަރު

ބަކްސް އާއި ސިކްސަރސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް ބައްދަލުކުރިމެޗް ބަކްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ބަކްސް ކާމިޔާބުކުރީ 132 ޕޮއިންޓް 94 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބަކްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާ 7 އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ. ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނެގި ޑްވައިޓް ހާވަޑްއެވެ.

މިމުބާރާތުގައި ޑެލަސް މެވްރިކްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ މެވްރިކްސްއެވެ. މިމެޗްގައި މެވްރިކްސްގެ ލޫކާ ޑޮންޗިޗްވަނީ އެޓީމަށް 18 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 13 އެސިސްޓް ކޮށްފައެވެ. އަދި ލޭކަރސްގެ ޑެނިސް ޝްރޯޑަރވަނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން ޔޫޓާ ޖޭޒް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 101 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ. މިމެޗްގައި ޓިމްބަރވުލްވްސްގެ ކާރލް އެންތަނީ ޓައުންސްވަނީ 24 ޕޮއިންޓް ހޯދައިދީ 12 ރީބައުންޑް ނަގާފައެވެ. އަދި ޖޭޒްގެ ބޯޔާން ބޮގްޑަނޮވިޗްވަނީ 30 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޑެންވަރ ނަގެޓްސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 116 ޕޮއިންޓުން ނަގެޓްސް ކާމިޔާބު ކުރިއިރު މައޭމީ ހީޓް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ހީޓްއެވެ. އަދި ސެން އެންޓޯނިއޯ ސްޕަރސް އާއި ނިއުއޯލިއަންސް ޕެލިކަންސް ބައްދަލުކުރިމެޗް 110 ޕޮއިންޓް 108 ޕޮއިންޓުން ސްޕަރސް ކާމިޔާބުކުރިއިރު އިންޑިއާނާ ޕޭސަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 115 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ޕޭސަރސްއެވެ. އަދި ނިއުޔޯކް ނިކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 120 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ނިކްސްއެވެ.