އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ހުއްޓާލަފައި އޮތްއޮތުން އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަތުމަށް ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި، މަރުކަޒީ ބޭންކު އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭގޮތަށް ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް މިދިޔަ އަހަރު މަޖިލީހުން ދީފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީން ވަނީ އެ މުއްދަތު އިތުރު އެއްއަހަރަށް އިތުރުކޮށްދިނުމަށް މަޖިލީހުގައި އެދިވަޑައިގެންފައެވެ.
އެގޮތުން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގުމަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، އިޤްތިސާދީ ހީނަރުކަމުން އަދިވެސްއަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިވާކަމަށް ފިނޭންސްގެ ސިޓީގައިވެއެވެ.
އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށްވެސް ފިނޭންސްގެ ސިޓީގައިވެއެވެ. އެހެންކަމުން އެމްއެމްއޭއިން ދަރަނި ނެގުމަށް، ޚަރަދަށް ޒިންމާވުމުގެ ޤާނޫނުން މިދިޔަ އަހަރު އިސްތިސްނާކޮށްދެއްވި މާއްދާތައް އެއް އަހަރަށް އިތުރުކޮށްދެއްވުމަށް ފިނޭންސް އިން ވަނީ އެދިވަޑައިގެންފައެވެ.
އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި އެދުމުން، މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރި މައްސަލާގައި ވާގޮތުން އޯވާ ޑްރޯގެ ހުއްދަ ފިނޭންސް މިނިސްޓްރިއަށް ދީފައިވަނީ އެ އަދަދު 4.4 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާގޮތަށެވެ.