ދުނިޔެ

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ވިޔަފާރީގެ ބޮޑު އެއްބަސްވުމަކަށް


އިނގިރޭސިވިލަތާއި އޮސްޓްރޭލިއާ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ބޮޑު އެއްބަސްވުމެއް އަންނަ ޖޫން މަހަށް ނިންމުމަށް އެއްބަސްވެއްޖެއެވެ.

ދެ ޤައުމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމާމެދު ދެ ޤައުމުންވެސް ވަރަށް ޔަޤީންކަން އެބައޮތް ކަމަށެވެ.

ޢެއްބަސްވުމުގެ ސަބަބުން ދިގުމުއްދަތަކަށް އިނގިރޭސިވިލާތުގެ ޖީޑީޕީއަށް 694 މިލިއަން ޑޮލަރަށް އިތުރު ކުރެވޭނެކަމަށް ލަފާކުރެވެއެވެ. އެންމެ ފަހުން ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމުގައި އެއްބަސްވުން މުޅިން ނުނިމުނުކަމުގައިވިޔަސް ކުރިއަށް ހުރި ހަފްތާތަކުގެ ތެރޭގައި އެއްބަސްވުމުގެ ބޭރުން ހުރި ކަންތައްތަކާއިމެދު މަޝްވަރާ ކުރާނެއެވެ.

އިނގިރޭސިވިލާތުން ބުނަނީ ދެޤައުމުގެ މެދުގައި މި އޮތް އެއްބަސްވުމުގެ ސަބަބުން މި ބަލިމަޑުކަމުން އަރައިގަތުމަށް ހިތްވަރަކަށް ވެގެންދަނެކަމާއި، އަދި ދެ ޤައުމަކީވެސް މިނިވަންކަމަށް ތާއީދުކުރާ ދެ ޤައުމުކަމުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެކަމަށެވެ.

ފްރީ ޓްރޭޑްގެ މަޤްޞަދަކީ ޤައުމުތަކުގެ މެދުގައި ތަކެތީގެ ވިޔަފާރި އަގުހެޔޮކުރުމަށް ހިތްވަރު ދިނުމެވެ. މިކަން މިގޮތަށް ކުރެވޭނީ ޓޭރިފްއާއި ޓެކްސް ކުޑަ ކޮށްގެން ނުވަތަ ނައްތާލައިގެންނެވެ. ކޯޓާ ނައްތާލުމަކީވެސް ފްރީ ޓްރޭޑްގެ އެއް މަޤްޞަދެވެ. ޤައުމުތަކުގައި އެއްގޮތް ޤަވާއިދުތަކެއް ހުންނަނަމަ ވިޔަފާރިތައް ފަސޭހަ ވާނެއެވެ.