ދުނިޔެ

ލެބަނާނުގެ އުފެއްދުންތައް އެތެރެކުރުން ސަޢުދީ ޢަރަބިއާއިން މަނާކޮށްފި


ޝިޕްމަންޓްތަކުގައި ޑްރަގް އެތެރެކުރާ މައްސަލައާއި ގުޅިގެން ލެބަނާނުން ސަޢުދީ ޢަރަބިއާއަށް އެތެރެކުރާ ތަރުކާރީއާއި މޭވާ އެތެރެކުރުން އެޤައުމުން މަނާކޮށްފިއެވެ.

މި ނިންމުމުގެ ސަބަބުން މިހާރުވެސް އިޤްތިޞާދީ ހީނަރުކަން އައިސްފައިވާ ލެބަނާން ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެޤައުމުގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ މި ވިޔަފާރިއަކީ އަހަރަކު 24 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިއެއް ކަމަށެވެ. އަދި މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަޢުދީ ޢަރަބިއާގެ އޮތޯރިޓީތަކަށް ފާހަގަވެފައިވާ ގޮތުގައި ޑްރަގް އެތެރެކުރުމުގެ މަސައްކަތްތަކަކީ އެޤައުމަށް އަމާޒުކޮށްގެން ލެބަނާނުން ހިންގާ ކަންތައްތަކެކެވެ. ޚާއްޞަކޮށް މޭވާއާއި ތަރުކާރީގެ ޝިޕްމަންޓުތަކުގައި މިކަންތައްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

އާދީއްތަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެކުރާ މިފަދަ އުފެއްދުން އެތެރެކުރުން ވެރިރަށް ރިޔާދުން މަނާ ކުރާނެކަމަށް އޮފިޝަލުން ބުނެއެވެ.

އެޤައުމަށް އަމާޒުކޮށްގެން ހިންގާ މި ޢަމަލު ހުއްޓާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން މި ފިޔަވަޅުތައް ދަމަހައްޓާނެކަމަށްވެސް ސަޢުދީ ޢަރަބިއާއިން ބުނެއެވެ. ފިޔަވަޅުތައް އަޅަން ނިންމީ މިގޮތަށް ކަންތައް ނުކުރުމަށް ލެބަނާންގެ އޮފިޝަލުންގެ ކިބައިން އެކި ފަހަރުމަތިން އެދުމަށްފަހުގައެވެ.

ސަޢުދީގެ ކަސްޓަމުން ވަނީ ލެބަނާނުން އައި އަންނާރު ޝިޕްމެންޓެއްގެ ތެރެއިން 5.3 މިލިއަން ޑޮލަރުގެ ޑްރަގް ހޯދާފައެވެ. ލެބަނާނުގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ތަރުކާރީ އާއި މޭވާ ސަޢުދީއަށް އެތެރެކުރުން ހުއްޓާލުމަށް ސަޢުދީން އަންގާފައިވާ ކަމަށެވެ.

'ލެބަނާނުގެ އޮތޯރިޓީން ތަކުން ޑްރަގް އެތެރެކުރުން ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ. އެއީ އެއްވެސް ކުށެއް ނެތް ދަނޑުވެރިންނާއިން ރައްޔިތުންނަށް ދަތިކުރުން ހުއްޓުވުމަށް' ލެބަނާންގެ ފޮރިން މިނިސްޓަރުގެ ބަޔާނެއްގައި ވިދާޅުވިއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކަސްޓަމްސްއާއި ބޯޑަރު ކްރޮސްގައި ސެކިއުރިޓީ ބަލަހައްޓައިގެން މިކަން ކޮންޓްރޯލް ކުރުމަށެވެ. އަދި މިކަން ކޮންޓްރޯލްކުރުމަށް ފުރިހަމަ އެއްބާރުލުން އެޤައުމުން ދޭނެކަމުގައި ލެބަނާނުން ބުނެއެވެ. ލެބަނާނުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގޮތުގައި މި ނިންމުން ބޮޑަށް ބެލެވެނީ ސިޔާސީ ކަމެއްގެ ގޮތުގައިކަމަށެވެ.

ގަލުފު ސަރަޙައްދަށް ބޭރުކުރާ ތަރުކާރީ އާއި މޭވާގެ ޝިޕްމަންޓްތަކަކީ އެޤައުމަށް ޑޮލަރު ލިބޭ މަދު ގޮތްތަކުގެ ތެރެއިން އެއްގޮތެވެ. 1975 އިން 1990 އަށް ކުރިއަށްދިޔަ ސިވިލް ހަނގުރާމައަށްފަހު އެޤައުމަށް އައި އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމާ މިހާރު ލެބަނާނުން ވަނީ ކުރިމަތިލާން ޖެހިފައެވެ.