ޚަބަރު

ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާ ގުޅިގެން މަޖިލިސް މެންބަރެއް ޙައްޔަރުކޮށްފި


2019ވަނަ އަހަރުގެ ތެރޭގައި ލަންކާގައި ދިން ބޮމުގެ ޙާމަލާތަކާއި ގުޅިގެން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މުސްލިމު މެންބަރެއް ޙައްޔަރުކޮށްފިއެވެ.

2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21ވަނަ ދުވަހު ލަންކާގައި ތިން ފައްޅިއަކަށާއި ހޮޓަލަކަށް ނުރައްކާތެރި ބޮމުގެ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި 279 މީހުން މަރުވިއެވެ. އެ ޙަމަލާގެ ތަޙްޤީޤުތައް ނިންމައި އިންޞާފު ޤާއިމުކުރުމަށް ލަންކާގެ ސަރުކާރަށް ބާރުއަޅަމުންދާ މިންވަރުވަނީ އިތުރުވަމުންނެވެ.

މި މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރީ އޯލް ސިލޯން މައްކަލް ޕާޓީގެ އިސްވެރިޔާކަމަށްވާ ރިޝާދު ބަދީޢުއްދީންއެވެ. އޭނާ ޙައްޔަރުކުރީ ނިރުބަވެރިކަމާ ދެކޮޅަށް ލަންކާގައި ތަންފީޒުކޮށްފައިވާ ޤާނޫނުގެ ދަށުންނެވެ. އޭނާއާއި އޭނާގެ ބޭބެ ރިޔާޖު ޙައްޔަރުކުރީ އެ މީހުން ދިރިއުޅޭ ގެއިންކަމަށް ލަންކާގެ ފުލުހުން ބުނެއެވެ. އެ މީހުން ޙައްޔަރުކުރީ ޙަމަލާ ދިން މީހުންނާ އެ މީހުންނާ ދެމެދު ގުޅުމެއްވާކަމުގެ ހެކިތަކުގެ މައްޗަށް ބިނާކޮށްކަމަށް ފުލުހުން ބުނެއެވެ.

ނަޞާރާއިން ފާހަގަކުރާ ޢީދަކާ ދިމާކޮށް ލަންކާގައި ބޮމުގެ ޙަމަލާތައް ދިންތާ ހަފުތާއެއްގެ ތެރޭގައި އެ ޤައުމުގެ އިދާރާތަކުން 200އަށްވުރެ ގިނަ މީހުން ޙައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކާ ދެކޮޅަށް މިހާތަނަށް ދަޢުވާކޮށްފައެއް ނުވެއެވެ. ޙައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނޭ 16 ފިރިހެނަކަށް 2018ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އެ ޤައުމުގައި ބުދުދީނަށް އަޅުކަންކުރާ މީހުންގެ ބުދުތަކަކަށް ބޭއިޚްތިރާމުކުރުމުގެ ދަޢުވާ އުފުލައިފައިވެއެވެ. މި އެންމެނަކީވެސް މުސްލިމުންނެވެ. ލަންކާގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ހާދިޘާތަކާއި އޭގެ ހަތަރު މަސް ފަހުން ދިން ބޮމުގެ ޙަމަލާތަކާ ގުޅުމެއްވެއެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ޙައްޔަރުކޮށްފައިވަނީ ތަޙްޤީޤު ލަސްކުރުމަށް ސަރުކާރުން ފުރުޞަތު ދޭކަމަށް އެ ޤައުމުގެ ނަޞާރައިންގެ ބޮޑު ފާދިރީ ތުހުމަތުކޮށްފައިވަނިކޮށެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބަދީޢުއްދީނުގެ ޕާޓީއަށް ނިޞްބަތްވާ ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންވަނީ އެ ޤައުމުގެ ޤާނޫނަށް ބަދަލުކޮށް އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާގެ ބާރުތައް ފުޅާކުރުމަށް އެހީތެރިވެފައެވެ.