ޚަބަރު

ވަކީލުންގެ އާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި


ސުޕްރީމް
ކޯޓުން އަލަށް އެކުލަވައިލެއްވި ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއިބެހޭ ޤަވާއިދުގެ
ދަށުން އެކުލަވާލައްވާ ޤާނޫނީ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް
ހުޅުވައިލައިފިއެވެ.

ސުޕްރީމް
ކޯޓުން އަލަށް އެކުލަވައިލެއްވި ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ޤާނޫނީ ވަކީލުންގެ
ދަފްތަރު ބަލަހައްޓާނީ ސީދާ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، އެކޯޓުގެ ބެލުމުގެ
ދަށުން ހިނގާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ޑީ.ޖޭ.ޢޭ އިން
ވަނީ ކުރިން އެޓާރނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާ
ފަރާތްތައް 31 ޑިސެމްބަރުގެ ކުރިން އާ ދަފްތަރުގައި ރަޖިސްޓްރީވުމަށް
ހުޅުވާލައިފައެވެ.

ސްޕްރީމް
ކޯޓުން ވަނީ ކުރިން އަމަލުކުރެވެމުންއައި ވަކީލުންނަށް ހުއްދަ ދިނުމާ ބެހޭ
ޤަވާއިދު އުވާލައްވާ އާ ޤަވާއިދެއް އެކުލަވާލައްވާފައެވެ. އެގޮތުން އާ
ޤަވާއިދުގައި ބަޔާންކޮށްފައިވާގޮތުން ވަކީލުންގެ ދަފްތަރު ރަޖިސްޓްރީވެފައިވާ
ވަކީލުންގެ ފެންވަރާއި ތަޖުރިބާއާއި، ވަކާލާތު ކުރައްވާ ދާއިރާ ނުވަތަ ކޯޓަށް
ބައްލަވައި 5 ޖަދުވަލަކަށް ބަހާލަންޖެހެއެވެ.

އަދި
ދައުލަތުގެ އެކި އިދާރާތަކާއި ކޯޓުތަކުގައި އަދި ޕްރައިވެޓް ސެކްޓަރގައި
މަސައްކަތް ކުރައްވާ ޤާނޫނީ ވަކީލުން ހިމަނައިގެން 6 ވަނަ ޖަދުވަލެއްވެސް
އެޤަވާއިދުގެ ދަށުން އެކުލަވާލެއްވިދާނެއެވެ.

ސުޕްރީމް
ކޯޓުން އެކުލަވާލައްވައިފައިވާ ޤަވާއިދުގެ ދަށުން ވަކީލުންނަށް ހުއްދަދެއްވާ
ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ
ބެންޗާއި ދައުލަތުގެ ބަންޑާރަނައިބެވެ.