ކުޅިވަރު

5 ޕޮއިންޓުގެ ތަފާތުން ސެލްޓިކްސްގެ މައްޗަށް ނެޓްސް ކާމިޔާބު ހޯދައިފި


އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 109 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީ 9 ރީބައުންޑް ނަގާ 11 އެސިސްޓް ދިން ކައިރީ އަރވިންގއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 38 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދިން ޖޭސަން ޓެޓުމްއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ނެޓްސް އާއި ސެލްޓިކްސްގެ މެޗެކޭ އެއްގޮތަށް 109 ޕޮއިންޓް 104 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ޕޯލް ޖޯޖުވަނީ 33 ޕޮއިންޓް ހޯދައިދީ 14 ރީބައުންޑް ނަގާފައެވެ. އަދި ރޮކެޓްސްގެ ކްރިސްޓިއަން ވުޑްވަނީ އެޓީމަށް 24 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގާފައެވެ. މީގެއިތުރުން މިމުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޑެންވަރ ނަގެޓްސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 97 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 32 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާފައެވެ. އަދި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދިން މައިކަލް ޕޯޓަރ ޖޫނިއަރއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު މެމްފިސް ގްރިޒްލީސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 128 ޕޮއިންޓްގެ ކުޑަ ތަފާތަކުން ގްރިޒްލީސް ކާމިޔާބުކުރިއިރު ވޮޝިންގޓަން ވިޒަޑްސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 129 ޕޮއިންޓް 109 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ. އަދި ޗާލޮޓް ހޯނެޓްސް އައި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 102 ޕޮއިންޓުން ހޯނެޓްސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 118 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ.