ފޯމިއުލަރ ވަން ކާރު ރޭހުގެ އެންމެފަހުގެ ޗެމްޕިއަން މަރސިޑީޒްގެ އިސް އިންޖިނިއަރަކު ވާދަވެރި ރެޑްބުލްއާ ގުޅިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރެޑްބުލްއިން މިކަން ކޮށްފައިވަނީ ފޯމިއުލަރ ވަންގެ އާ އިންޖީނު ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވާނެ މީހަކު ހަމަޖެއްސުމުގެ ގޮތުންނެވެ.
މަރސިޑީޒްގެ ހައި ޕަރފޯމަންސް ޕަވަރޓްރެއިންސްގެ މެކޭނިކަލް އިންޖިނިއަރިންގގެ ހެޑް ބެން ހޮޑްކިންސަން ބަދަލުވާނީ ރެޑްބުލްގައި އޮންނަ މިފަދަ ޑިވިޜަންގެ ޓެކްނިކަލް ޑައިރެކްޓަރގެ ގޮތުގައެވެ. މައުލޫމާތުލިބިފައިވާގޮތުގައި ހޮޑްކިންސަން އިސްކޮށް ހަރަކާތްތެރިވާނީ ހޮންޑާއިން ރެޑްބުލްއަށް ވިއްކާލާފައިވާ އިންޖީނުތަކުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވުމުގައެވެ. ހޮންޑާއިންވަނީ މިއަހަރުގެ ސީޒަނަށްފަހު އެފް ވަންއިން ވަކިވާނެކަން ހާމަކޮށްފައެވެ. އަދި ހޮންޑާއިން ވަނީ އެކުންފުނީގެ އިންޖީނުތަކާއި އެހެނިހެން އެއްޗެހި ރެޑްބުލްއަށް ވިއްކާލާފައެވެ.
ރެޑްބުލްއާ ހޮޑްކިންސަން ގުޅުނުކަން އިޢުލާން ކުރިނަމަވެސް އޭނާ ރެޑްބުލްއާއެކު މަސައްކަތް ފަށާނީ މަރސިޑީޒް އާއި އެކު ހަދާފައިވާ އެއްބަސްވުމާމެދު ދެފަރާތުގެ މެޗުގައި އެއްބަސްވުމަކަށް އާދެވިގެންނެވެ. ހޮޑްކިންސަން މަރސިޑީޒް އާއެކު ހަދާފައިވާ އެއްބަސްވުން ނިމޭނީ 2022 ވަނަ އަހަރެވެ. ނަމަވެސް ދެ ޓީމްގެ މެދުގައި ވާހަކަ ދައްކައިގެން އެއަށް ވުރެ ކުރިން ހޮޑްކިންސަން ދޫކޮށްލާތޯ ރެޑްބުލްއިން މަރސިޑީޒްއާއެކު ވާހަކަ ދައްކާނެއެވެ. އެފް ވަންއިން ވަނީ 2025 އަހަރަށް ފޯމިއުލަރ ވަންގައި ވާދަކުރާ ހުރިހާ ޓީމްތަކުންވެސް އިންޖީނަށް ގެންނަންޖެހޭ ބަދަލުތަކާބެހޭ ގަވައިދެއް އާންމު ކޮށްފައެވެ. އަދި ހުރިހާ ޓީމް ތަކުންވެސް އަންނަނީ އެގަވައިދުތަކާއެއްގޮތްވާގޮތުގެ މަތިން އާ އިންޖީނު ފަރުމާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ހޮޑްކިންސަން ބުނީ ވިހިއަހަރުގެ ދިގު މުއްދަތަކަށްފަހު މަރސިޑީޒްއިން ވަކިވުމަކީ އޭނާ ނިންމި އެހާ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ނަމަވެސް ރެޑްބުލްއިން ހުށަހެޅި ފުރުސަތަކީ ދޫކޮށްލާވަރަށް ވުރެ ހާއްސަ ފުރުސަތެއްކަމުން ބަދަލުވާން ނިންމީކަމަށެވެ.