ޚަބަރު

ލާލޭ ސްކޫލްގެ އޯޕަންޑޭ މާދަމާ، ރަޖިސްޓްރޭޝަން ހިލޭ


މާދަމާ އޮންނަ ލާލޭ އިންޓަރނޭޝަނަލް ސްކޫލްގެ އޯޕަންޑޭގައި ސްކޫލަށް ވަންނަށް ރަޖިސްޓަރވާ ދަރިވަރުން ރަޖިސްޓްރޭޝަން ފީ ދައްކަން ނުޖެހޭގޮތަށް އެސްކޫލުން ހަމަޖައްސައިފިއެވެ. ޕީ.އެސް.އެމް އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ނަދުވާ ޝަރަފުއްދީން ވިދާޅުވީ މާދަމާ އެސްކޫލްގެ އޯޕަންޑޭ މެންދުރު 2:00 ން 6:00އަށް އެސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، އޯޕަންޑޭގެ ތެރެއިން އެސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ހުރި ފުރުސަތު ތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.އެގޮތުން އެސްކޫލުގައި ކިޔަވައިދޭ ޓެކްސްޓް ފޮތްތައްވެސް ބެލެނިވެރިންނަށް ފެންނާނެގޮތައް ބަހައްޓާފައި ހުންނާނެކަމަށް ނަދުވާ ވިދާޅުވިއެވެ."އޯޕަން ޑޭގެ ތެރޭގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ސްކޫލްގެ ޓީޗަރުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ. އަދި ކަރިކިއުލަމާ ބެހޭ މައުލޫމާތު ހޯދޭނެ." ނަދުވާ ވިދާޅުވިއެވެ.ހުޅުމާލޭގައި ހުންނަ ލާލޭ އިންޓަރނޭޝަނަލް ސްކޫލްގައި މިހާރުވެސް 600 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެއެވެ. އަދި އެސްކޫލްގައި ޕްރީ ސްކޫލުން ފެށިގެން މަތީ ޘާނަވީއާ ހަމައަށް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވީ އެސްކޫލްގައި ކިޔަވައިދެމުންދަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށާއި، އެސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ބައިނަލްއަޤްވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވިފައި ހުންނާނެކަމަށެވެ."ލާލޭ ސްކޫލަކީ ވަރަށް ޓެކްނޮލޮޖީ ބޭސްޑް ސްކޫލެއް. އެގޮތުން ހުރިހާ ކްލާސްރޫމެއްގައިވެސް ކިޔަވައިދެނީ ސްމާޓްބޯޑް މެދުވެރިކޮށް. މީގެއިތުރުން ކޮންޕިއުޓަރ ލެބްގެ ވަރަށް ފުރިހަމަ ޚިދުމަތްތަކެއް ލިބިގެންދާނެ." – ޑެޕިއުޓީ ޕްރިންސިޕަލް