ތިމާވެއްޓަށް ގެއްލުންވާ ގުރީން ހައުސް ގޭސްތައް ބޭރުކުރާ މިންވަރު އިތުރަށް މަދުކުރުމަށް އެމެރިކާ ހިމެނޭގޮތަށް ބައެއް ބޮޑެތި ޤައުމުތަކުން މަސައްކަތްކުރުމަށް ވަޢުދުވެއްޖެއެވެ. އެ ޤައުމުތަކުން އެގޮތަށް ނިންމީ އެމެރިކާއިން އިސްވެ އިންތިޒާމުކުރި މޫސުމީ ބަދަލުތަކާގުޅޭ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޗައިނާއާއި އިންޑިޔާއާއި ރަޝިޔާ ހިމެނޭގޮތަށް 40އަށްވުރެ ގިނަ ޤައުމުންވަނީ އިންޓަނެޓު މެދުވެރިކޮށް ބައިވެރިވެފައެވެ.
ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނައިން ގުރީން ހައުސް ގޭސް ބޭރުކުރާ ޤައުމަކީ އެމެރިކާއެވެ. މޫސިމީ ބަދަލުތަކާ ދެކޮޅަށް ކުރާ ބައިނަލްއަޤްވާމީ މަސައްކަތްތަކުން އެމެރިކާވަނީ އެ ޤައުމުގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ޒަޢާމަތުގައި ވަކިވެފައެވެ. ނަމަވެސް މިހާރުގެ ރައީސް ޖޯ ބައިޑަނުގެ ސަރުކާރުން މަސައްކަތްކުރަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެ އިސްކޮށް ޙަރަކާތްތެރިވާ ޤައުމަކަށް އެމެރިކާ ހެދުމަށެވެ.
އިންޓަނެޓު މެދުވެރިކޮށް ބޭއްވި ބައްދަލުވުން ފައްޓަވައިދެއްވަމުން ބައިޑަން ވިދާޅުވީ އެމެރިކާއިން ގުރީން ހައުސް ގޭސް ބޭރުކުރި މިންވަރު 50އާއި 52 އިންސައްތައާ ދެމެދުގެ ނިޞްބަތަކަށް ދަށްކުރުމަށް އެ ޤައުމުން މަސައްކަތްކުރާނެކަމަށެވެ. ބައިޑަން ވިދާޅުވީ ކުރިއަށްއޮތް ދިހަ އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް އިތުރު ނުވާނެފަދަ ނިންމުންތަކެއް ނިންމަންޖެހޭކަމަށެވެ.
އެމެރިކާގެ އިތުރުން ޖަޕާނުންވެސްވަނީ އެ ޤައުމުން ވިހަ ގޭސް ބޭރުކުރާ މިންވަރު ދަށްކުރުމަށް ނިންމައިފައެވެ. ޖަޕާނުން މީގެ ކުރިންވަނީ އެ ޤައުމުން ވިހަ ގޭސް ބޭރުކުރާ މިންވަރު 26 އިންސައްތައަށް މަދުކުރުމަށް ނިންމައިފައެވެ. ނަމަވެސް 2030ވަނަ އަހަރުގެ ކުރިން ވިހަ ގޭސް ބޭރުކުރުން 46 އިންސައްތައަށް ދަށްކުރުމަށް އެ ޤައުމުން ނިންމާފައިވާކަމަށް ބޮޑުވަޒީރު ޔޮޝިހިޑެ ސުގާވަނީ ވިދާޅުވެފައެވެ.
ކެނެޑާއިންވަނީ 2030ވަނަ އަހަރުގެ ކުރިން އެ ޤައުމުން ވިހަ ގޭސް ބޭރުކުރާ މިންވަރު 40އާއި 45 އިންސައްތައާ ދެމެދުގެ ނިޞްބަތަކަށް މަދުކުރާނެކަމަށް ބުނެފައެވެ. ބުރެޒިލުންވެސްވަނީ އެ ޤައުމުން ގުރީން ހައުސް ގޭސް ބޭރުކުރާ މިންވަރާއި ގޭސް ބޭރުކުރުން މަދުކުރާ މިންވަރު 2050ވަނަ އަހަރުގެ ކުރިން ހަމަހަމަކުރާނެކަމަށް ބުނެފައެވެ. އެ ޤައުމުން އެ ލަނޑުދަނޑިއަށް ވާޞިލުވާން ނިންމާފައިވަނީ ކުރިން ކަނޑައަޅާފައިވާ މުއްދަތަށްވުރެ ދިހަ އަހަރު ކުރިންނެވެ.
ޗައިނާއިން ބުނީ އެ ޤައުމުން ވިހަ ގޭސް ބޭރުކުރާ މިންވަރު 2030ވަނަ އަހަރާ ހަމައަށް އިތުރުވަމުންދާނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް 2060ވަނަ އަހަރުގެ ކުރިން ގުރީން ހައުސް ގޭސް ބޭރުކުރާ މިންވަރާއި ގޭސް ބޭރުކުރުން މަދުކުރާ މިންވަރު އެއްވަރުކުރާނެކަމަށެވެ. 2025ވަނަ އަހަރާއި 2030ވަނަ އަހަރާ ދެމެދު ބޯޓުދެލި ބޭނުންކުރާ މިންވަރު މަދުކުރަމުންދާނެކަމަށްވެސް ޗައިނާއިންވަނީ ބުނެފައެވެ.
ގުރީންޕީސް ޔޫކޭއިން ބުނީ ޤައުމުތަކުން ގިނަ އަމާޒުތަކެއް ކަނޑައެޅި ނަމަވެސް ސިޔާސަތުތައް ބައްޓަންކޮށް ފައިސާ ޚަރަދުކޮށްގެން ނޫނީ އެ ޢަމާޒުތައް ޙާޞިލުނުކުރެވޭނެކަމަށެވެ. މޫސުމީ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެއީކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.