ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ގެޓާފޭ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށްފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.
މިމެޗްގައި ބާރސާގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމްގެ ތަޖްރިބާކާރު ކެޕްޓަން ލިއޮނެލް މެސީއެވެ. ނަމަވެސް މިލަނޑު ބާރސާއިން ޖެހިތާ 4 މިނެޓްފަހުން ބާރސާގެ ކްލެމޮން ލެންގްލޭ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ގެޓާފޭއިން މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިމެޗްގައި ބާރސާއިން ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑަކީ މެޗްގެ 28 ވަނަ މިނެޓްގައި ގެޓާފޭގެ ސޮފިއާން ޗަކްލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި މި ލަނޑު ވަންތާ 5 މިނެޓްފަހުން ބާރސާގެ ތިންވަނަ ލަނޑު މެސީ ވަނީ ކާމިޔާބުކޮށްދީފައެވެ. މިމެޗްގެ 69 ވަނަ މިނެޓްގައި ގެޓާފޭގެ އެނެސް ޔުނާލް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު އެޓީމަށް މިމެޗުން ކޮންމެވެސް ނަތީޖާއެއް ނެރެވިދާނެކަމުގެ ކުޑަ އުންމީދެއް ލިބުނު ނަމަވެސް މެޗްގެ 87 ވަނަ މިނެޓްގައި ބާރސާގެ ރޮނާލްޑް އަރައުހޯވަނީ ލަނޑެއް ޖަހާ ބާރސާއަށް ދެލަނޑުގެ ލީޑެއް އަލުން ނަގައިދީފައެވެ. އަދި މިމެޗްގައި ބާރސާގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ.
މި ކާމިޔާބީއާއެކު ބާރސާއަށް މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 68 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ބާކީ އެއްމެޗް ނުކުޅެ އޮތުމާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު ބާރސާއަށް އެބައޮތެވެ. މިވަގުތު ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އެޓްލެޓިކޯ މެޑްރިޑް އުޅޭއިރު ދެވަނައިގައިއޮތީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. މިމެޗުން ބަލިވުމުން ގެޓާފޭ އުޅެނީ 32 މެޗުން ލިބިފައިވާ31 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.