ސްޕެނިޝް ލަލީގާގައި އެޓްލެޓިކޯ މެޑްރިޑާއި ހުއެސްކާ ބައްދަލުކުރިމެޗް އެޓްލެޓިކޯއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަނެއްކާވެސް އަރައިިފިއެވެ. އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔަބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ބުދަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެޓީމްގެ މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އަރާފައިވުމުން ތާވަލްގެ އެއްވަނައަށް އަލުން އެރުމަށްޓަކައި އެޓްލެޓިކޯ ކޮންމެހެން މޮޅުވުން މުހިންމެވެ. މިމެޗްގައި އެޓްލެޓިކޯގެ ފުރަތަމަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހައިދިނީ އެންޖެލް ކޮރޭއާއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހައިދިނީ ޔަނިކް ކަރެސްކޯއެވެ. މިއީ ޔޫރަޕިއަން ސުޕަރ ލީގުން އެޓްލެޓިކޯ ވަކިވިކަން އިއުލާން ކުރިފަހުން އެޓީމް ކުޅުނު ފުރަތަމަ މެޗެވެ.
މިކާމިޔާބީއާއެކު އެޓްލެޓިކޯ މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 73 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ މިިވަގުތު އޮތް ރެއާލް އާއި ދެމެދު 3 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. އަދި މިމުބާރާތުގައި ކޮންމެ ޓީމަކަށް ބާކީ 6 މެޗް އޮތުމުން ސީޒަންގެ ނިމުން ލަލީގާގައި ދާނީ ވަރަށް ވާދަވެރިކޮށް ކަމަށް މިހާރުވަނީ ޔަގީން ވެފައެވެ. އަދި ކުރިއަށް ހުރި މެޗްތަކަށް ބަލާލާއިރު އެންމެ ފާހަގަކޮށްލެވޭ ކުރިމަތިލުމެއްގެގޮތުގައި ފާހަގަ ކޮށްލެވެނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެޓްލެޓިކޯ އާއި މިވަގުތު ތާވަލްގެ ތިންވަނައިގާ އޮތް ބާސެލޯނާގެ ކުރިމަތިލުމެވެ. ބާރސާ މިހާރު އެއްމެޗް މަދުން ކުޅެފައިވުމުން ތާވަލްގެ ތިންވަނައިގާ އޮތް ނަމަވެސް ނުކުޅެ އޮތް މެޗް ކާމިޔާބުކޮށްފި ނަމަ އެޓްލެޓިކޯއާއި ދެމެދުގައިވާ ފަރަގު 2 ޕޮއިންޓަށް ކުޑަވެގެންދާނެއެވެ. އެހެން ވެއްޖެނަމަ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު މިދެޓީމަށް އެމެޗް ކާމިޔާބުކޮށްފިނަމަ ލިބޭނެއެވެ. އެމެޗް އެއްވަރު ވެއްޖެނަމަ އެކަމުގެ ފައިދާ ނެގުމުގެ ފުރުސަތު ރެއާލްއަށްވެސް އޮންނާނެއެވެ.
ރެއާލްއަށް ހުރި މެޗްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެއި މަހުގެ 10 ވަނަ ދުވަހު ތާވަލްގެ ހަތަރު ވަނައިގައި އުޅޭ ސެވިއްޔާ އާއި ބައްދަލުކުރާމެޗެވެ. އެހެންކަމުން މިފަހަރު ލަލީގާ ކާމިޔާބު ކުރުމުގެ ފުރުސަތު މިތިން ޓީމަށްވެސް އެބައޮތެވެ. އަދި ހަނި ފުރުސަތެއް ތާވަލްގެ ހަތަރު ވަނައިގައި އުޅޭ ސެވިއްޔާވެސް އޮތް ކަން ފާހަގަކޮށްލެވެއެވެ.