ބްލޮގަރ ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޝަރީއަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން ގޮވާލައިފިއެވެ.
ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލީ ޔާމީން ރަޝީދު މަރާލިތާ މިއަދަށް މި ވަނީ ހަތަރު އަހަރު ފުރިފައެވެ. ޔާމީންގެ މަރާއި ގުޅިގެން 6 މީހެއްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތްތައް އަންނަނީ ކޯޓުގައި ހިގަމުންނެވެ. މި މައްސަލަ ކޯޓްގައި އޮންނަތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ.
ޔާމީންގެ މަރަށް ހަތަރު އަހަރުވުމާއި ގުޅިގެން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީގުކުރާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް ލިބިފައިވާ ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާކަމަށެވެ.
ކޮމިޝަނުން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތް ކުރިޔަށްދާ ގޮތް އެ ކޮމިޝަނުން ގާތުން ބަލަމުންދާކަމަށެވެ. އަދި މިމަރުގެ އަޑީގައި ތިބީ ކޮން ބައެއްކަން ބަލާ ހޯދުމުގެ މަސައްކަތްވެސް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށްވެސް ކޮމިޝަންގެ ބަޔާނުގައިވެއެވެ. މި މައްސަލައިގެ ޝަރީއަތް ވީހާވެސް އަވަހަކަށް ނިންމާ ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބިދިނުމަށްވެސް ކޮމިޝަނުގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭގެ މ.ސްޕެޓިއުލާގޭގެ ސިޑިގޮޅި ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކޯޓްގައި ކުރިޔަށް ދިޔަނަމަވެސް ދިފާއީ ވަކީލުންގެ ބައެއް އަމަލުތައް ހުރި ގޮތުން ޝަރީއަތްތައް ލަސްވާކަން ކޯޓުންވެސް ވަނީ ފާހަގަކޮށްފައެވެ. މި މައްސަލައިގެ ބައެއް ހެކިންގެ ހެކިބަސް ވަނީ ނަގާފައެވެ. ހެކިބަސް ދިން ބައެއް މީހުން ބުނެފައިވަނީ ޔާމިން ރަޝީދު މަރާލުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފަށާފައިވަނީ މާލޭގެ ފުރުޤާނު މިސްކިތާއި، ތޮއިބާ މިސްކިތުގައިކަމަށެވެ. މި މަޝްވަރާތައް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، މީގެ ބައެއް މަޝްވަރާތައް މިމައްސަލާގައި ދައުވާލިބޭ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ގޭގައިވެސް ކޮށްފައިވާކަމަށެވެ. އަދި މިމަޝްވަރާތަކުގައި މިހާރު ދައުލަތުން ދައުވާ އުފުލާފައިވާ ހުރިހާ އެންމެވެސް ބައިވެރިވެފައިވާކަމަށްވެސް ހެކިވެރިން ވަނީ ބުނެފައެވެ.