ޚަބަރު

ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރި ރަޝިޔާގެ ސިފައިން އަނބުރާ ގެންދަނީ


ޔުކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރަމުންދިޔަ ރަޝިޔާގެ ސިފައިން އަނބުރާ ގެންދިޔުމަށް އެ ޤައުމުން ނިންމައިފިއެވެ. ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ ސިފައިން އަނބުރާ ގެންދިޔުމަށް ރަޝިޔާއިން ނިންމާފައިވަނީ 2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ޔުކްރެއިނުގެ ކުރިމިޔާ ސަރަޙައްދުގައި ނުތަނަވަސްކަން އިތުރުވެ އެ ސަރަޙައްދުގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފާނެކަމުގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ރަޝިޔާއިންވަނީ އެ ޤައުމުގެ އެތައް ހާސް ސިފައިންނެއް ޔުކްރެއިނުގެ އިރުމަތީ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައެވެ. ޔުކްރެއިނުން ބުނީ ސަރަޙައްދީ ރޮނގު ކައިރިއަށް 40،000އަށްވުރެ ގިނަ ސިފައިންނާއި ކުރިމިޔާ ސަރަޙައްދަށް ހަމަ އެ ޢަދަދަށް ރަޝިޔާއިން ސިފައިން ފޮނުވާފައިވާކަމަށެވެ.

ރަޝިޔާގެ ދިފާޢީ ވަޒީރު ސަރުގައި ޝޮއިގޫ ވިދާޅުވީ ސަރަޙައްދީ ރޮނގު ކަރިއީގައި ރަޝިޔާއިން ބޭއްވި އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިވި ސިފައިން މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިޔުމަށް އަންގާފައިވާކަމަށެވެ. އެގޮތަށް އެނގީ ސަރަޙައްދީ ރޮނގު ކައިރީގައި ބޭއްވި ޙަރަކާތްތައް ނިމުމުންކަމަށާއި އެ ޙަރަކާތުގެ މަޤުޞަދު ޙާޞިލުވެފައިވާތީކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙަރަކާތުގެ ބޭނުމަކީ ރަޝިޔާގެ ސިފައިންނަށް ޤައުމު ދިފާޢުކުރުމުގެ ޤާބިލުކަން ލިބިފައިވާކަން ދެއްކުންކަމަށް އޭނާ ވިދާޅުވިއެވެ.

ޔުކްރެއިނުގެ ރައީސް ވޮލޮދީމީރު ޒެލެންސްކީ ވިދާޅުވީ ޔުކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލައި އެ ސަރަޙައްދުގައި އަސްކަރީ ޙަރަކާތްތައް މަދުކުރުމަށް ކުރާ ކޮންމެ މަސައްކަތަކަށް އެ ޤައުމުން މަރުޙަބާ ކިޔާނެކަމަށެވެ. އެ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ޤައުމަށް ދިން އެއްބާރުލުން ފާހަގަކުރައްވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔުކްރެއިނުގެ ޚާރިޖީ ވަޒީރު ދިމިތުރޯ ކުލެބާ ވިދާޅުވީ އެ ޤައުމާ ދެކޮޅަށް ރަޝިޔާއިން ޙަމަލާއެއް ދޭނެކަން ސާފުނުވާކަމަށާއި އެފަދަ ޙާލަތެއްގައި ހުޅަނގުގެ ޤައުމުތަކުން ވާގިވެރިވާނެކަން ސާފުކޮށްދޭން ޖެހޭކަމަށެވެ.

ސަރަޙައްދީ ރޮނގުގައި ހިނގަމުން ދިޔަ ކަންކަމާމެދު ކަންބޮޑުވުން ފައުޅުކުރަމުންދިޔަ ހުޅަނގުގެ ޤައުމުތަކުން ރަޝިޔާގެ ނިންމުމާމެދު މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާގެ ނިންމުމަކީ އެ ޤައުމުތަކުން ބަލައިގަންނަ އަދި މަރުޙަބާ ކިޔާނެ ނިންމުމަކަށްވާނެކަމަށް ބެލެވެއެވެ.