ކުޅިވަރު

ޖެހިޖެހިގެން ދެ މެޗުން މޮޅުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުން: ސާންތި



ވެލެންސިޔާއާއި ދެކޮޅަށް ނިކުންނައިރު ލީބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޖެހިޖެހިގެން ދެ މެޗުން މޮޅުވުންކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް އިހުސާން ޢަބްދުލްޣަނީ (ސާންތި) ބުނެފިއެވެ. މިރޭ ކުލަބް ވެލެންސިޔާއާއި ދެކޮޅަށް ނިކުންނައިރު ޔުނައިޓަޑް ވިކްޓްރީ އޮތީ ލީގް ތާވަލްގެ އެންމެ ފުލުގައި 9 ޕޮއިންޓާއެކުއެވެ.

ޔޫވީއިން މިސީޒަންގައި ކުޅުނު 11 މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު، އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުންވެސްވަނީ މޮޅުވެފައެވެ. މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޔުނައިޓަޑް ވިކްޓްރީގެ ކޯޗް ސާންތިބުނީ ކުލަބް ވެލެންސިޔާއަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި ނަމަވެސް މުޅި ޓީމް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ މައްޗަށްކަމަށް ސާންތި ބުންޏެވެ. އަދި ވެލެންސިޔާއަށް ކޮންމެ މެޗެއްގައި އެއް ފެންވަރެއްގައި ނުހިފެހެއްޓިގެން އުޅެނީ ޓީމުގައި ބަދަލް ކުރާނެ ކުޅުންތެރިން މަދުވުމުގެ ސަބަބުންކަމަށާއި ފުރަތަމަ އެގާރައިގައި ކުޅޭ ހުރިހާ ކުޅުންތެރިންނަށް ކޮންމެ މެޗެއްގައި އެއްވަރަށް ނުކުޅެވޭނެކަމަށްވެސް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އިހުސާން އަބްދުލް ޢަނީ ބުންޏެވެ.

ލީގް ފެށިގެން މިއަދާ ހަމައަށް އައިއިރު، ކުޅުންތެރިންގެ ކެތްތެރިކަން ވަރަށް ބޮޑަށް ފާހަގަކުރާކަމަށާއި މެޗުތަކުން ބަލިވެގެން ދާއިރުވެސް ކުޅުންތެރިން ގޮތް ދޫނުކޮށް މޮޅުވުމަށް ކުރަމުންދިޔަ މަސައްކަތް ވަރަށް ބޯޑަށް ފާހަގަކޮށްލެވޭކަމަށް ކޯޗް ސާންތި ބުންޏެވެ. ޔޫވީއިން ވެލެންސިޔާއާއި ދެކޮޅަށް ނިކުންނައިރު އެޓީމްގައި ތިބި އަލީ އަޝްފާގް އަދި އަލީ ފާސިރުއަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށްވެސް ސާންތި ބުންޏެވެ.