ކުޅިވަރު

މާދަމާ ތަފާތު ކުޅުމެއް ފެންނާނެ- ހާބަރޓް


މާދަމާގެ މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު
ދޭން ބޭނުންކަމަށާ ތަފާތު ކުޅުމެއް ފެންނާނެކަމަށް އުންމީދު ކުރާކަމަށް ޤައުމީ ފުޓްބޯޅަ ޓިމްގެ ކޯޗް ރިކީ ހާބަރޓް ބުނެފިއެވެ.



މިއަދު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި
ވާހަކަދައްކަމުން ރާއްޖެއަށް ކޯޗްކޮށްދޭ، ނިއުޒިލޭންޑުގެ ރިކީ ހާބަރޓް ބުނީ ޓީމު
މާ ބޮޑަށް ޑިފެންސް ކުރަން ބޭނުން ނުވާކަމަށާ ޓީމު ކުޅެމުން އަންނަ ގޮތަށް ބަދަލުތަކެއް
ގެންނަން ބޭނުންކަމަށެވެ. ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދޭން
ބޭނުންކަމަށާއި، އެ ކުޅުންތެރިން ދަނޑުމައްޗަށް ނެރެން ޖެހިލުން ނުވާކަމަށްވެސް
ނިއުޒިލޭންޑަށް ވޯލްޑް ކަޕުގައި އިރުޝާދު ދިން ކޯޗް ބުންޏެވެ.



ކޯޗް ބުނީ ޓީމަށް ގެންނަ ބަދަލުތަކުގެ ސަބަބުން
ފަހަރުގައި ބައިކޮޅަށް ގޯލްތަކެއް ވަދެދާނެކަމަށާއި، އެކަމަކު މުސްތަޤްބަލުގައި
އެކަމުގެ ސަބަބުން ފައިދާ ކުރާނެކަމަށެވެ.



"މި ކުދިންނަށް ފާޑު ނުކިޔާ ވަގުތު ދޭން އެބަ
ޖެހޭ. ކުއްލިއަކަށް ކާމިޔާބު ނުވެދާނެ. އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް
ފުރަތަމަ ކޮޅު އެއްވަރެއްގައި ނުހިފެހެއްޓިދާނެ، އެކަމަކު ކުރިޔަށް އޮތް ތަނުގައި
ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންގެ ގޮތުގައި އެ ކުޅުންތެރިން ވާނެ"
ހާބަރޓް ބުންޏެވެ.



ކޯޗް ބުނީ ގިނަ ދުވަސްތަކަކަށްފަހު އަމިއްލަ
ޤައުމުގައި ކުޅެލަން ކުޅުންތެރިންވެސް ނުހަނު ބޭނުންވާނެކަމަށެވެ.



ޤައުމީ ޓިމްގެ ޒުވާން ޑިފެންޑަރ އަމްދާން އަލީ ބުނީ
މީ ރަނގަޅު ފުރުސަތެއްކަމަށެވެ. އަދި ކުޅުންތެރިން ސަތޭކަ ޕަސެންޓް ދީފިނަމަ
މެޗުން މޮޅުވާނެކަމަށް އަމްދާން ގަބޫލުކުރެއެވެ.

މާދަމާ ރާއްޖެ ކުޅޭނީ އާމުކޮށް ޓިމުގައި ހިމެނޭ ތިން ކުޅުންތެރިޔަކާ ނުލައެވެ. އައްސަދް އަލީ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭއިރު، މުޙައްމަދު އުމައިރު ހުރީ އަނިޔާގައެވެ. މީގެ އިތުރުން އަކްރަމް އަބްދުލް ޣަނީ މިފަހަރު ޤައުމީ ޓީމަށް ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.



ހޮންކޮންގެ ކޯޗް ކިމް ޕަން ގޮން ބުނީ މި މެޗަކީ
ވޯލްޑްކަޕްގެ ކޮލިފިކޭޝަންގައި ކުރިޔަށްދިޔުމަށް ނުހަނު މުހިންމު މެޗެއްކަމަށެވެ.
ރާއްޖޭގެ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަމަށް ކިމް
ގަބޫލްކުރެއެވެ. ކޯޗް ބުނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން ރާއްޖޭގައި މެޗް ކުޅުން
ބޭނުންނުވީ ކުޅުންތެރިންގެ ސަލާމަތަށް ވިސްނާފައިކަމަށެވެ. އެހެންނަމަވެސް
ފީފާއިން ރާއްޖޭގައި މެޗް ކުޅެން ނިންމުމުން އެކަމަށް އިޙްތިރާމްކުރާކަމަށް ކިމް
ބުންޏެވެ. ކިމް ބުނީ އޭނާއަށް ޕްރެޝަރު އެބައޮތްކަމަށާއި، އެކަމަކު އެއީ މައްސަލެއެއް
ނޫންކަމަށެވެ. އަދި ޕްރެޝަރަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް ލިބޭ ހިތްވަރެއްކަމަށް
ކިމް ބުންޏެވެ.



މެދުތެރެޔަށް ކުޅޭ ލަމް ކާ ވައި ބުނީ ރާއްޖޭގެ
ފަރާތުން ފޯރުކޮށްދިން ސެކިއުރިޓީ އާއިމެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ.



އޭނާ ބުނީ ހޮންކޮންގ މިވަގުތު އޮތީ ރަނގަޅު
ފޯމެއްގައިމަކަށެވެ. އަދި ޓީމުގެ ފަހަތަށް އިތުބާރު ކުރެވޭކަމަށްވެސް އޭނާ
ބުންޏެވެ.

މާދަމާ ހަވީރު ކުޅޭ މި މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ހޮންކޮންގ އަކީ ޤަތަރަށްވުރެ ފަސް ޕޮއިންޓް ފަހަތުން ގްރޫޕް ސީގެ ދެވަނައިގައި އޮތް ޓީމެވެ. މި ގްރޫޕުގައި ޗައިނާ ފިޔަވާ ކޮންމެ ޓީމެއްވެސް ފަސް މެޗް ކުޅެފައިވާއިރު ރާއްޖެއަށް ލިބިފައިވަނީ ބޫޓާން އަތުން މޮޅުވެގެން ލިބިފައިވާ ތިން ޕޮއިންޓެވެ. ހޮންކޮންގައި ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވީ ދޭއް ސުމަކުންނެވެ.