ކުޅިވަރު

ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނިކުންނައިރު ޕްރެޝަރު އޮތީ މާޒިޔާއަށް: ނިޝްތާރު



އެއްވެސް މެޗަކުން ބަލިނުވެ އޮތުން ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނިކުންނައިރު ޕްރެޝަރު އޮތީ މާޒިޔާއަށް ކަމަށް ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުނެފިއެވެ.

ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އާއި ކުލަބް ގްރީން ސްޓްރީޓްސް ވާދަކުރި މެޗުން ގްރީން ބަލިވެފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ. މިމެޗަށް ނިކުންނައިރު، ކުލަބް ގްރީން ސްޓްރީޓްސް އޮތީ ލީގް ތާވަލްގެ ތިންވަނައިގައެވެ. އެއީ އެޓީމް ކުޅުނު 13 މެޗުން ލިބިފައިވާ 19 ޕޮއިންޓްއާއެކުއެވެ.

ލީގުގެ ދެވަނަ ބުރުގައި މިރޭ މާޒިޔާއާއި ދެކޮޅަށް ގްރީން ނިކުންނައިރު، މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގްރީންގެ ކޯޗް އަލީ ނިޝްތާރުބުނީ މާޒިޔާއަކީ މިލީގްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަރުގަދަ ޓީމެއްކަމަށާއި އެންމެ ފަހުން މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗްގެ ހަދާންތައް އަދި ފިލައިގެން ނުދާކަމަށެވެ. ނިޝްތާރުބުނީ މިމެޗަށް ގްރީންއިން ވަރަށް ރަގަނޅަށް ތައްޔާރުވެފައިވާކަމަށާއި މިއީ އެންމެ މުހިންމު އެއް މެޗުކަމަށެވެ. އަދި އެންމެ ފަހުން މާޒިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ ޓެކްޓިކަލް ޑިސިޕްލިން ވަރަށް ބޮޑަށް ގެންލިގެން ދިޔަކަމަށާއި މިމެޗްގެ އެގޮތަށް ޓެކްޓިކަލް ޓިސިޕްލިން ގެއްލިގެން ދިޔަ ނުދޭނެކަމަށް ނިޝްތާރު ބުންޏެވެ. ނިޝްތާރުބުނީ މިމެޗަށް ނިކުންނައިރު މެޗް ޕްރެޝަރު އޮތީ ގްރީންއަށް ވުރެއް ބޮޑަށް މާޒިޔާއަށްކަމަށާއި މިއީ ގްރީންގެ ކުޅުންތެރިންނަށް މެޗުން ރަގަނޅު ނަތީޖާއެއް ހޯދުމަށް ވަރަށް ރަގަނޅު ފުރުސަތެއްކަމަށާއި ގްރީންގައި ތިބި ކުޅުންތެރިންނަށް ބަލާފަ މާޒިޔާ ބަލިކުރުމަކީ ވަރަށް އުދަގޫކަމެއްކަމަށެވެ. ނަމަވެސް މިއީ ގްރީން ސްޓްރީޓްސްއަށް ނުވާވަރުގެ ކަމެއް ނޫންކަމަށް ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗް އަލީ ނިޝްތާރު ބުންޏެވެ.